ކުޅިވަރު

އެފް.އޭ.އެމް ލީގު ކަޕް: މަހިބަދޫ 0 - 6 އޮޑި


އެފް.އޭ.އެމް ލީގު ކަޕްގައި މަހިބަދޫ ސްޕޯޓްސް ކްލަބް ތަފާތު ބޮޑުކޮށް ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބް ގްރޫޕް ބުރުގެ އެއްވަނައަށް ޖެހިލައިފިއެވެ. މިއަދު ހަވީރު ކުޅުނު މިމެޗު އޮޑި ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 6-0 ނެވެ.

މިހާރު ދެވަނަ ޑިވިޝަންގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް މިމެޗުގައި މާ ބޮޑު އެޓޭކުތަކެއް ތަނަވަސްކުރެވޭގޮތް ވަނީ ނުވެފައެވެ. އަދި އޮޑި ސްޕޯޓްސް ކްލަބްގެ ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މިމެޗުގައި އޮޑި ސްޕޯޓްސް ކްލަބްގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު އިސްލާމް ފިކްރީއެވެ. މިއީ އިބްރާހިމް ވަހީދު މުހައްމަދު ހޯދައިދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ލަނޑާއި ތިން ވަނަ ލަނޑު ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮޑިއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ވިފާގްއެވެ. އޮޑީގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ފޯވާޑް މުޒްދާން ހަސަންއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޓީމުގެ މެދު ތެރޭގައި މޮޅު ކުޅުމެއްދެއްކި ޒުވާން މިޑްފިލްޑަރ ހައިސަމް ރަޝީދެވެ.

ހަ ވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ މުޒްދާންއެވެ.

މިނަތީޖާއާއެކު އޮޑި ސްޕޯޓްސް ކްލަބް ވަނީ ކުޅުނު ދެމެޗުން 4 ޕޮއިންޓް ހަމަކޮށް ގްރޫޕް ތާވަލްގެ އެއްވަނައަށް އަރާފައެވެ. މިމުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލަށް ދަތުރު ކުރާގޮތަށެވެ.

މިމުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީ.ސީ ސްޕޯޓްސް ކްލަބެވެ.