ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އޮތް ނަމަވެސް، އެ އަހަރަށްވާ މުސާރަ ދިނުން ކުލަބަށް ދޫކޮށްލުމަށްފަހު ކޯޗު ކާލޯ އަންޗެލޮޓީ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން ތައްޔާރުވާން ފަށައިފިއެވެ.
ސްޕެއިނުގެ ނޫސްތަކުން މި ގޮތަށް ބުނަން ފެށީ ރެއާލް މެޑްރިޑުގެ ކުރީގެ މިޑްފީލްޑަރު ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ކޯޗުކަމުން މި ސީޒަނަށް ފަހު ވަކިވާނެކަން އިއުލާނުކުރުމުންނެވެ. ގާތްގަނޑަކަށް ކަށަވަރުވެފައިވާ ގޮތުގައި ޒަބީ އަލޮންސޯ ހަވާލުވާނީ ރެއާލް މެޑްރިޑުގެ ކޯޗުކަމާ އެވެ.
ދެ ފަހަރެއްގެ މަތިން ރެއާލް އަށް ކޯޗުކޮށްދީ ތިން ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ހޯދައިދީފައިވާ ކޯޗު އަންޗެލޮޓީ ކުލަބާ ވަކިވާން ޖެހުނީ މި ސީޒަނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި އައު ކޯޗެއް ހޯދަން ރެއާލް މަސައްކަތް ފެށި ނަމަވެސް އެކަން ކޮޅެއްގައި ނުޖެހި އޮތީ އަންޗެލޮޓީގެ އެއްބަސްވުމުގެ ބާކީ އަހަރުގެ މުސާރަ ހޯދަން އެނާ ޑިމާންޑްކުރަން ފެށުމުންނެވެ.
ނަމަވެސް ސްޕެއިނުގެ މީޑިއާތަކުން ބުނަނީ މިކަން ބޮޑު މައްސަލައަކަށް ނުހަދައި އަންޗެލޮޓީވެސް ބޭނުންވަނީ ރީތި ގޮތުގައި ކުލަބާ ވަކިވާން ކަމަށެވެ. މިހެންވެ އޭނާ އަށް ވަރަށް ހާއްސަކޮށް ފެއާވެލް ޕާޓީއަކަށް އެކުލަބުން ދަނީ ތައްޔާރުވަމުންނެވެ.
އެންޗެލޮޓީ އަކީ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކާއި އިނގިރޭސިވިލާތުގެ ޗެލްސީ އާއި ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އޭސީ މިލާނަށްވެސް ތަށި ހޯދައިދީފަ އެވެ. ރެއާލްގައި އޭނާ ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް އެކުލަބުން ނިންމާފައިވަނީ އޭނާގެ ބަދަލުގައި ޒުވާން ކޯޗަކަށް ފުރުސަތު ދިނުމަށެވެ.
އަންޗެލޮޓީ ދެން ހަވާލުވާނެ ކަމަށް ބެލެވެނީ ބްރެޒިލްގގެ ގައުމީ ޓީމާ އެވެ. މިއީ ގައުމީ ޓީމެއްގެ ހެޑް ކޯޗުކަމާ އޭނާ ހަވާލުވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގައުމީ ޓީމެއްގައި އޭނާގެ ހަމައެކަނި ތަޖުރިބާ އަކީ 1994 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕެވެ. އެ ފަހަރު ބްރެޒިލް އަތުން ފައިނަލުގައި އިޓަލީ ބަލިވިއިރު އޭނާ އަކީ އިޓަލީ ޓީމުގެ އެއް އެސިސްޓެންޓް ކޯޗެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އަންޗެލޮޓީ އެ ގައުމުގެ ގައުމީ ޓީމަށް ގެންދަން މަސައްކަތް ކުރާތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.