ކުޅިވަރު

މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯހަކީ ލަނޑެއް ކާމިޔާބުނުކުރެވުން: އަހުސަން


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި މިދިޔަ ހުކުރު ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯހަކީ ލަނޑެއް ކާމިޔާބުނުކުރެވުން ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު އަހުސަން ރަޝީދު ބުނެފިއެވެ.

ލީގު ކަޕުގައި ޓީސީގެ މައްޗަށް މާޒިޔާއިން ކުރި ހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އަހުސަން ބުނީ ޓީސީގެ ޓީމަކީ ވަރަށް އައު ޓީމެއްކަމަށެވެ. މާޒިޔާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު ކަމަށާއި، މެޗުގައި ލަނޑެއް ކާމިޔާބުނުކުރެވުމަކީ ދެރަވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ކުޅެލެވުނު. ލަނޑެއްނުޖެހުނީމަ މައްސަލައަކީ. ކުޅެވުނު ހިތްހަމަޖެހޭވަރަށް" އަހުސަން ބުންޏެވެ.

ޓީސީން މި މުބާރާތުގައި ނުކުންނާނީ ލަނޑުތަކެއް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި، ފަރިތަކުރުންތަކުގައި ދެން އެންމެ ބޮޑު ސަމާލުކަމެއްދޭނީ ހަމަލާތައް އިތުރުކުރުމަށް ކަމަށް އަހުސަންގެ ވާހަކައިގައި ފާހަގަކުރިއެވެ.

"ކުރިއަށްހުރި މެޗުތަކުގައި މައްސަލަ ހައްލުކުރަން ގޯލުޖެހުން އިންނާނީ. ގޯލު ޖަހަން ދެން ކުޅޭނީ" އަހުސަން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ޓީސީ އާއި މާޒިޔާ ބައްދަލުކުރި މެޗު ކުޅެފަވާއިރު، އެ މެޗުގައި ޓީސީގެ ގޯލްކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާގެ ކުޅުން ފާހަގަކުރެވުނުއިރު، ޓީސީގެ ޑިފެންސްލައިން ބެލެހެއްޓުމުގައި ޓީމުގެ ކެޕްޓަން މުޙައްމަދު އަޖުފާން އާއި ހަސަން އީނާޒްގެ ހުނަރުވެރިކަން ފެނިގެންދިޔައެވެ. މި ތިން ކުޅުންތެރިން ވަނީ މާޒިޔާގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

އެފްއޭއެމްއިން ކުރިއަށްގެންދާ ލީގު ކަޕުގައި ޓީސީން ދެން ނުކުންނާނީ އަންނަ އަންގާރަ ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. މި މެޗުކުޅުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 04:00 ގައެވެ.