ޚަބަރު

ނުރައްކާތެރި ކުނި ރިސައިކަލްކޮށް އެކްސްޕޯޓްކުރާ ސެންޓަރެއް ވަންދޫގައި އަޅަނީ


  • މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މާރޗް 2026ގައި

  • މިމަޝްރޫޢަށް 18.5 މިލިޔަން ރުފިޔާ ޚަރަދުކުރާނެ

ނުރައްކާތެރި ކުނި ރިސައިކަލްކޮށް އެކްސްޕޯޓުކުރާ ސެންޓަރެއް ރ.ވަންދޫގައި އެޅުމުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިފިއެވެ.

ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖުކުރާ ސެންޓަރު އެޅުމުގެ މަސައްކަތް ވީ އަވަރ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރުގެ ނައިބު ޙައްސާން މުޙައްމަދެވެ. ވީ އަވަރ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރ ޝަދީން އިބްރާހިމެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޙައްސާން މުޙައްމަދު ވިދާޅުވީ މިސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއެކު ކަމަށެވެ. އަދި މިމަޝްރޫޢަށް 18.5 މިލިޔަން ރުފިޔާ ޚަރަދުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޙައްސާން ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ މާރޗް މަހު ނިންމައި، ވުޒާރާއާ ހަވާލުކުރާ ގޮތަށް ކަމަށެވެ.

"މިފެސިލިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ގެނެސް 4 ބަޔަކަށް ބަހާނެ. އެއީ ލިތިއަމް ބެޓެރީ، އަލިފާން ނިއްވާ ފުޅި، ޓޮކްސިކް ކުންޏާއި ޕްރެޝަރ ވެސެލްސް." ޙައްސާން ވިދާޅުވިއެވެ.

ވަންދޫގައި ނުރައްކާތެރި ކުނި މެނޭޖްކުރާ ސެންޓަރު އަޅަނީ ވަންދޫގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ. މިމަޝްރޫޢުގެ ދަށުން އޮފީސް ބަޔަކާއި ކުނި ރައްކާކުރާ ބައެއްގެ އިތުރުން ރިސައިކަލްކުރަން ޚާއްސަ ބައެއް ތަރައްޤީކުރާނެއެވެ.

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީއާ ގުޅިގެން ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ދިވެހި ސަރުކާރުން ވަނީ ޚާއްސަ މަޝްރޫޢެއްވެސް ފަށްޓަވާފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް އަދި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރުކޮށް، ކުންޏާއި ކެމިކަލް މެނޭޖުރުމަށް ޚާއްސަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

ނުރައްކާތެރި ކުނި މެނޭޖްކުރާ ފުރަތަމަ މަރުކަޒު ޤާއިމުކޮށްފައިވަނީ އައްޑޫ ސިޓީގައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި މަރުކަޒެއް އަޅާއިރު، އުތުރުގައި ޤާއިމުކުރާ މަރުކަޒު އަޅަން މިހާރު މިވަނީ ހަވާލުކޮށްފައެވެ.