ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމް އިފުތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތް ކުރުމުގެ މިޕްރޮގްރާމަކީ، އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް ގޭގޭގައި ދާންމަތިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ކައިރިއަށް ޒިޔާރަތްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް މަހަކު އެއްފަހަރު ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިަފއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާޢިޝަތު ޝިހާމް ވިދާޅުވީ، ދާންމަތިވެފައިވާ އިސްރަށްވެހިންގެ ގާތަށް ޒިޔާރަތް ކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީވެސް ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެއްގޮތަށް ކުރިއަށްގެންދާ އިޖްތިމާއީ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމްކަމަށެވެ. މިއާއެކު ދާންމަތިވެފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ލިބެންޖެހޭ އިޖްތިމާޢީ އެހީތެރިކަން ދެނެގަނެވި ބޭނުންވާ އެހީތަށް ފޯރުކޮށްދިނުމަށް މަގުފަހުވެގެންދާނެކަމަށެވެ.
"މި ޕްރޮގްރާމްގެ ބޭނުމަކީ މިފަދަ ޢާއިލާތަކުގަ އިސްރަށްވެހިން ދާންމަތިވެފައި ތިބޭއިރު އެމީހުންނަށް ބޭނުންވާ ތަފާތު އިޖްތިމާޢީ ބޭނުންތަކާއި އަދި އެހީތެރިކަމާއި އަދިއެއާއިއެކީ އެމީހުންނަށްވެސް މުޖްތަމަޢުގަ ޝަމިލްވެގެން އުޅޭ ބަޔަކަށްހެދުން" ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވިއެެވެ.
ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތް ކުރުމުގެ ޕްރޮގްރާމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އިސްރަށްވެހިންނާއެކު ޒުވާން އުމުރުފުރާތަކުގެ ކުދިންވެސް ބައިވެރިވާނެއެވެ.
ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާއިރު، ރައްޔިތުން ޙާލަތު ގާތުން ދެނެގަތުމަށް މީގެ ކުރިން "ހާލު ކިހިނެއް" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ސަރުކާރުން ފަށައިގެން މިހާރުވެސް ކުރިއަށްގެންދެއެވެ. އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގްރާމްގައި މިހާތަނަށް 12000އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، ޙާލަތު ދެނެގަނެފައިވާކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.