ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) އަށް ދީފިއެވެ. އޭނާ މިހާރު ވަނީ ޓީމާއެކު ފަރިތަކުރަންވެސް ފަށާފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ގައުމީ އަންހެން ޓީމަށް އާތީ ހަމަޖެއްސުމަށް އޭނާގެ ނަން ފީފާއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަން މުޅިން ހަމަޖެހިގެންދާނީ ފީފާގެ ބަހެއް ލިބުމުން ކަމަށެވެ. މިވަގުތު ޓީމާއެކު އާތީ ހަރަކާތްތެރިވަމުންދަނީ އަމިއްލަ ޝައުގުވެރިކަމާއި، ފުޓްބޯޅައަށް ޚިދުމަތްކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ކުރިންވެސް ގައުމީ އަންހެން ޓީމުގެ ކޯޗުކަން ދެ ފަހަރެއްގެ މަތީން ކޮށްފައިވާ އާތީއަށް މި ފަހަރު ކޯޗުކަން ދޭން ނިންމީ ކޯޗަކު ނެތި ދުވަސްތަކެއް ވުމަށްފަހުއެވެ. މި ޓީމުގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ބުރު ސްޕޯޓްސްގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނަމަވެސް އޭޕްރީލް މަހު އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވި ދެ މެޗާއެކު، އޭނާގެ އެއްބަސްވުން އައުނުކުރަން އެފްއޭއެމްއިން ވަނީ ނިންމާފަ އެވެ.
އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ އަންހެނުންގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅެން ޖެހޭ ފުރަތަމަ މެޗު އޮންނާނީ ވިއެޓްނާމާ ދެކޮޅަށެވެ. މިދިޔަ އޭޕްރީލް މަހު އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) ގެ މައި އިދާރާގައި ބެއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމް އާއި، ގުއާމް އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އެވެ. ރާއްޖޭގެ ފުރަތަމަ މެޗު ވިއެޓްނާމާ ދެކޮޅަށް ކުޅޭނީ އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ކޮލިފައިންގެ ހުރިހާ މެޗެއްވެސް ކުޅޭނީ ވިއެޓްނާމުގައެވެ.
އޭޝިއަން ކަޕް އޮސްޓްރޭލިއާގައި ކުޅޭނީ އަންނަ އަހަރުގެ މާޗު 1-21 ގެ ނިޔަލަށެވެ. މި މުބާރާތުގެ މެޗުތައް އޮސްޓްރޭލިޔާގެ ތިން ސިޓީއެއްގައި ކުޅޭނެ އވެ. ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ކުޅެފައިވަނީ އެކުވެރިކަމުގެ މެޗެއްގައި އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާގައި ކުޅުނު އެ ދެ މެޗުންވެސް ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ.