ޚަބަރު

ޑިޖިޓަލައިޒޭޝަން މަޝްރޫޢަށް ވޯލްޑް ބޭންކްގެ އިތުރު ފަންޑު ލިބޭނެކަމުގެ އުންމީދު ބޮޑު: ދާޚިލީ ވުޒާރާ


  • މިހާރުވެސް 7 މަޝްރޫޢުއެއްގެ މަސައްކަތް ފެށިގެން ކުރިއަށްދޭ

  • "މޯލްޑިވްސް 2.0"އާއެކު އިތުރު ގިނަ މަސައްކަތްތައް އަންނާނެ

  • ފަންޑް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް

ސަރުކާރުން ފަށާފައިވާ ޑިޖިޓަލައިޒޭޝަންގެ މަޝްރޫޢުއަށް ވޯލްޑްބޭންކުގެ އިތުރު އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ވޯލްޑް ބޭންކްގެ ހިލޭ އެހީގައި، ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ 10 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް މިހާރުވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ ޑރ.އިބްރާހީމް ވަޙީދު ވިދާޅުވީ، ވޯލްޑް ބޭންކްގެ ފަންޑްގައި މިހާރުވެސް ޑިޖިޓަލައިޒޭޝަންގެ މުހިންމު 7 މަޝްރޫޢުއެއް ކުރިއަށްދާކަމަށެވެ.

މީގެތެރޭގައި ރާއްޖޭގެ ކައުންސިލްތަކުގެ ނެޓްވޯކް ޒަމާނީ ނިޒާމަކުން ގުޅާލުމަށް ގެންދާ ގަވަމަންޓް ކޮމްޕިއުޓަރ ސިސްޓަމް އެކްސްޕެންޝަން ޕްރޮޖެކްޓް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ވަސީލަތްތައް އިތުރުކުރުމުގެ މަޝްރޫޢު އަދި ތިމާވެށީގެ ކަންކަމަށް ބޭނުންވާ ޑޭޓާ އެއްކުރުމަށް ފަށާފައިވާ ދިރާސީ މަސައްކަތްތައްވެސް ހިމެނެއެވެ.

ޑރ.އިބްރާހީމް ވަހީދު ވިދާޅުވީ ސަރުކާރުން ގެންނަ ބަދަލުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ ޓެކްނޮލޮޖީއަށް ހޭލުންތެރި އަދި އެ ވަސީލަތްތައް ބޭނުންކުރުމާ ރައްޓެހި މުޖުތަމަޢުއެއް ބިނާކުރުންކަމަށެވެ.

"ޑިޖިޓަލް ޓްރާންސްފޮމޭޝަނާ، އައު އިޖާދީ ކަންކަމާއި ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢުއެއް އުފެއްދުމަށް މި މަސައްކަތްކުރަނީ. ޓެކްނޮލިޖީތައް ތަޢާރަފުކޮށް، އެ ބޭނުންކުރަން ދަސްކޮށްދީ، އެ ބޭނުންކޮށްގެން ޚިދުމަތް ހޯދާ ބަޔަކަށް ހެދުން ޢަމާޒަކީ." ދާޚިލީ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ޑރ. އިބްރާހީމް ވަހީދު ވިދާޅުވީ، މި މަޝްރޫޢުގެ ކުރިއަށްގެންދަން ކުންފުނިތައް ހޯދުމުގައިވެސް ބަލާފައިވަނީ އެންމެ ފެންވަރު ރަނގަޅު މަސައްކަތްތައް ކުރާ ޕާޓީތަކަށް ދީގެން ޚިދުމަތްތައް ޤާއިމުކުރުމަށްކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގެ 7 ޤައުމެއްގެ ކުންފުނިތަކުގެ އެހީ މިހާރުވެސް މީގެތެރެގައި ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ކެނެޑާ، ތައިލޭންޑް، އިންޑިއާ އަދި ސްރީލަންކާގެ ކުންފުނިތައް ހިމެނޭކަމަށް ޑރ. އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.

ވަޙީދު ވިދާޅުވީ، މިހާރު ފަށައިގެން ކުރިއަށްދާ މަސައްކަތްތަކަށް ބޭނުންވާ ފަންޑު ލިބިފައިވާކަމަށެވެ. އަދި ރައީސުލްޖްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް "މޯލްޑިވްސް 2.0"ގެ މަސައްކަތް ގެންދިއުމަށް ބޭނުންވާ އިތުރު ފަންޑިން ހޯދުމަށް ވޯލްޑް ބޭންކާއެކު މަޝަވަރާތައް ކުރަމުންދާކަމަށާއި ފަންޑިން ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދެއްވެސް އެބައޮތްކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ ވިދާޅުވިއެވެ.

"2.0 ކޮންފަރެންސްގައި ބޭރުގެ އިތުބާރުހިފޭ ފަރާތްތައް ބައިވެރިވުމަކީ ފަންޑިން ހޯދުމަށް ލިބުނު އިތުރު ބާރެއް. މިހާތަނަށް ވޯލްޑް ބޭންކާއެކު ގެންދިޔަ މަޝްވަރާތަކުގައިވެސް އިތުރު ފަންޑިން ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ފެންނަނީ. އެފަދަ އިޝާރާތްތަކެއް ވަނީ ލިބިފައި. މިހާރު ފަށާފައިވާ މަސައްކަތްތައް ކާމިޔާބުކަމާއެކު ގެންދެވޭނެމަ އިތުރު ފަންޑް ލިބުމުގެ ފުރުޞަތު ހަމަ ވަރަށް ބޮޑު." ދާޚިލީ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ވޯލްޑްބޭންކްގެ 10މިލިޔަން ޑޮލަރުގެ މަޝްރޫޢުގައި މިހާރު ކުރަމުންދާ މަސައްކަތްތައް 2027ވަނަ އަހަރަށް ނިންމުމަކީ ސަރުކާރުގެ ޢަމާޒެވެ. މިއީ 5 އަހަރު ދުވަހުގެ މަޝްރޫޢުއެކެވެ.

މި މަސައްކަތްތަކުގައި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އަދި ލޯކަލް ގަވަމަންޓް އޮޓޯރިޓީގެ ޚިދުމަތްތައްކުން ބޮޑެތި ބަދަލުތަކެއް ފެންނާނެކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.