ޚަބަރު

ތާރީޚަށްޓަކައި ހުޅުމާލޭގެ ތަަރައްޤީގެ ވާހަކަތައް ފޮޓޯތަކުން ފެންނަން ހުރުން މުހިންމު


  • ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ ވައުޗަރ ހަވާލުކޮށްފަ

  • މިއަދު ހަވީރު މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ

ހުޅުމާލޭގެ ތަަރައްޤީގެ ވާހަކަތައް ފޮޓޯތަކުން ފެންނަން ހުރުން މުހިންމު ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ނަސީރު އިބްރާހީމް މިހެން ވިދާޅުވީ، ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، މީގެ 21 އަހަރުކުރިން ހުޅުމާލެ ތަރައްޤީވަމުންއައީ ދިވެހީންގެ ދިރިއުޅުމާއި އަޅާބަލާއިރު ވަރަށް ތަފާތުކޮށް ކަމަށެވެ.

"ހުޅުމާލޭގަ މިވާ ތަރައްޤީއަކީ އިޤްތިސާދީ އެތައް މަޤްސަދުތަކަކާ ގުޅިފައޮތް ތަފާތު ތަރައްޤީއެއް. ދިރިއުޅުމުގެ ތަފާތު ގޮތްތަކެއް، ދިވެހީންގެ ޤަދީމީ ދިރިއުޅުމާއި މިދިރިއުޅުމާއި ހަގީގަތުގަ ވަރަށް ބޮޑަށް ތަފާތު. މިތަފާތު ތެރޭގަ އަޅުގަނޑުމެން ހޭދަކުރި ދުވަސްތަކުގެ ތެރޭގަ އަޅުގަނޑުމެންގެ ދިރިއުޅުމަށް އައި ބަދަލާއި އަޅުގަނޑުމެންގެތެރޭގަ ހުރި އެއްބަޔެއްގެ ގޮތުގައި ދެމިތިބުމަށް އަޅުގަނޑުމެން ދަމަހައްޓަމުން އައި ގޮތްތައް މިހާރުވެސް ހިފަހައްޓަމުން އަންނަ އައުން އެއީ އަޅުގަނޑުހިތުން މިއަދު ހަނދާނަށް ގެނައުން ވަރަށް މުހިންމު ކަމެއް". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ހުޅުމާލެއިން މިއަދު ފެންނަން ހުރި މަންޒަރުތަކަކީ، އޭގައި ވަރަށް ގިނަ ވާހަކަތަކާއި، ތާރީޚުތައް ހިމެނޭ މަންޒަރުތަކެއްކަމަށެވެ. އަދި އެ މަންޒަރުތަކުންވެސް ދިވެހީންގެ ފަހުގެ ތާރީޚުގެ ދިރިއުޅުމުގެ ބޮޑު ވާހަކައެއް ބުނެދޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ފިތުރޯނު ޕާކުގައި އިއްޔެ ހަވީރު ބޭއްވި ޚާއްސަ ފޮޓޯ މައުރަޒުގައި، ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން މިއަދު ހަވީރު އެޗްޑީސީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މަސްރޭހެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.