މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
ހެނބަދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.
މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ
ހެނބަދޫ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން އިޤްތިޞާދީ ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.
ހެނބަދޫގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއިން ކުރަމުންދަނީ ޝުކުރު ހައްޤު މަސައްކަތެއް ކަމަށެވެ. އަދި މި ލިބުނު ލުޔާއި އެކު ރަށްރަށުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފްް ވިދާޅުވީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތައް ހުރިހާ ފަރާތަކުން އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުން ކަމަށެވެ.
ހެނބަދޫގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.
މިލަދުއްމަޑުލުގެ ދެކުނު ބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި ފޮއްދޫ ހިމެނޭހެން 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ބޭއްކް އޮފް މޯލްޑިވްސް އިން ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށް ވުރެ ގިނަ އޭޓިއެމްއިން ޚިދުމަތް ދޭމުންދާނެ ކަމަށް ވިދާޅުވެފައެވެ.