ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް ބާޠިލު ކޮށްފައިވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރެއްވުމަކީ އެމެރިކާގެ ކަމާގުޅޭ ވުޒާރާތަކުގެ އޮފިޝަލުންނަށް ވެސް ސިހުން ގެނުވި ނިންމެވުމެއް ކަން ހާމަވެއްޖެއެވެ. ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލައްވާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ ގަލްފުގެ ތިން ޤައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައެވެ.
ޓްރަމްޕް ވިދާޅުވީ، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ބާޠިލު ކުރައްވަން ނިންމެވީ، 13 އަހަރަށް ދެމިގެންދިޔަ އަހުލީހަނގުރާމައާ ގުޅިގެން އެ ޤައުމުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމުގައެވެ. ފިޔަވަޅުތަކަށް ލުއި ހޯދުމަށް ސޫރިޔާގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް(އެޗްޓީއެސް)ގެ ސަރުކާރުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޓްރަމްޕް ވަނީ އެޗްޓީއެސް ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢާ ވެސް ބައްދަލު ކުރައްވާފައެވެ. އެމެރިކާއިން އަދިވެސް ޤަބޫލު ކުރާ ގޮތުގައި އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެކެވެ. ނަމަވެސް، ޝަރާޢާ އެކު ބޭއްވެވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޝަރާޢަކީ ވަަރަށް "ގަދަ" މީހެއްގެ ގޮތުގައި ސިފަ ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ބާޠިލު ކުރައްވަން ޓްރަމްޕް ނިންމެވުމާ އެކު އެންމެ ބޮޑު ސިހުމެއް ލިބިގެން ދިޔައީ އެމެރިކާގެ ޚާރިޖީ ވުޒާރާއާއި މާލީ ވުޒާރާއަށެވެ. ޓްރަމްޕްގެ ނިންމެވުން ވީ އެންމެ އަވަހަކަށް ތަންފީޒު ކުރެވޭނެ މަގުތައް ހޯދުމަށް އެ ދެ ވުޒާރާގެ އިސް އޮފިޝަލުން މަސައްކަތް ފަށާފައިވާ ކަމުގައި، މި ކަމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުންޏެވެ. ނަމަވެސް، އެއީ ފަސޭހަ މަސައްކަތަކަށް ނުވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ސަބަބަކީ، އެމެރިކާގެ ފިޔަވަޅުތައް އެތަކެއް ދަހަރަކަށް ދެމިގެން ގޮސްފައިވުމެވެ.
ނަން ހާމަކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ބާޠިލު ކުރައްވަން ޓްރަމްޕް ނިންމަވާފައިވާ ކަން ވައިޓް ހައުސުން އެ ޤައުމުގެ ޚާޜިޖީ އަދި މާލީ ވުޒާރާއަށް ކުރިން އަންގާފައި ނުވާ ކަމުގައެވެ. އަދި، އެ ކަމާ ގުޅޭ އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމުގައެވެ. މި ފަދަ ގޮތަކަށް ކުއްލި ނިންމުންތައް ނިންމެވުމަކީ ޓްރަމްޕަށް އައު ކަމެއް ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ޓްރަމްޕްގެ ނިންމެވުމާ މެދު އަމަލު ކުރަންވީ ގޮތުގެ އިރުޝާދު އަދިވެސް ލިބިފައި ނެތް ކަމުގައި ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ ޚާރިޖީ އަދި މާލީ ވުޒާރާގެ އޮފިޝަލުން ބުންޏެވެ. އަދި، މި ކަމާ ގުޅިގެން އޮޅުންބޮޅުންގަނޑެއް އުފެދިފައިވާ ކަމުގައި ވެސް އެ އޮފިޝަލުން ބުންޏެވެ. "އެންމެން ވެސް މިހާރު މަސައްކަތް ކުރަމުން ދަނީ އެ ނިންމުން ތަންފީޒު ކުރެވޭނެ ގޮތްތައް ދެނެގަތުމަށް،" ނަން ހާމަކޮށްފައި ނުވާ އޮފިޝަލެއް ބުންޏެވެ.
އެޗްޓީއެސުން ބަޣާވާތެއް ހިންގައި، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އަރައިގަތުމާ އެކު އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ. އެ ބަޣާވާތާ ގުޅިގެން އެމެރިކާއިން ވަނީ، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭނެ ކަންކަމުގެ ޝަރުޠުތަކެއް ކަނޑައަޅައި، އެޗްޓީއެސްގެ ސަރުކާރާ ހިއްސާ ކޮށްފައެވެ.