ޚަބަރު

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2 ކިލޯގެ މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި


  • މިއީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް

  • ހައްޔަރުކޮށްފައިވަނީ ޢުމުރުން 18 އަހަރާއި 28 އަހަރާއި ދެމެދުގެ 6 މީހުން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2 ކިލޯއާއި ގާތްކުރާ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 6 މީހުން ހައްޔަރުކޮށް، 2 ކިލޯއާ ގާތްކުރާ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ. މީގެ އިތުރުން މިއޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ ފައިސާއާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، މަސްތުވާތަކެތީގެ ބާވަތެއް އެކުލެވޭ އުފެއްދުންތައްވެސް އަތުލައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ބޯގަންވިލާ، 26 އަހަރުގެ ޙަސަން ޢަލީއާއި ޅ. ކުރެންދޫ، މެދުރިގެ، 28 އަހަރުގެ މުޙައްމަދު އަލީޝް އަޙްމަދާއި، ހދ. ނޮޅިވަރަންފަރު ސާރާޒް، 26 އަހަރުގެ ވަލީދު މުޙައްމަދާއި ސ. ފޭދޫ، ފެނިގެއްލިދާގެ، ޢުމުރުން 28 އަހަރުގެ ޖައިލަމް މުޙައްމަދު ޒަކީއާއި، ފ. ދަރަނބޫދޫ، ނާރެސް، ޢުމުރުން 18 އަހަރުގެ ޝަޔާން އިސްމާޢީލް ވަޙީދާއި، އއ. ތޮއްޑޫ، ތުނޑި، 21 އަހަރުގެ އިބްރާހީމް މައިޝަމް މާހިރުކަމަށެވެ.

މިހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް 7 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިއޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.9 ކިލޯ ހުރިކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން، ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، މަސްތުވާތަކެތި އެއްކުރެވިފައިވާ ތެޔޮވެސް އަތުލައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިއޮޕަރޭޝަނުގައި (ނުވަދިހަ ހާސް) 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 (ތިންހާސް ހަސަތޭކަ ފަސް) އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުޙައްމަދު ޒަކީގެ ބަންދަށް 5 ދުވަސް، އިބްރާހީމް މައިޝަމް މާހިރާއި ޝަޔާން އިސްމާޢީލް ވަޙީދުގެ ބަންދަށް 10 ދުވަސް އަދި ޙަސަން ޢަލީއާއި މުޙައްމަދު އަލީޝް އަޙްމަދާއި ވަލީދު މުޙައްމަދު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ތަޙުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.