ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމަށް ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުމާ އެކު ވަގުތު ބޭކާރު ކުރުން ހުއްޓައިލުމަށް އެކުވެރި ދައުލަތްތައް (އދ)ން އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރުމަށް އުފައްދާފައިވާ އިދާރާ (އޯސީއެޗްއޭ)ގެ ވެރިޔާ ޓޮމް ފްލެޗަރ ގޮވައިލައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދައި، ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ފްލެޗަރ ވިދާޅުވީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އދން މިހާރު ވެސް ހަރުދަނާ ނިޒާމެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ނިޒާމުގެ ދަށުން 160,000 ޕެލެޓުގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު މި ވަގުތު ވެސް ޣައްޒާއަށް އެތެރެ ކުރުމަށް ތައްޔާރުކޮށްފައި އޮތް ކަމުގައެވެ.
"އެހީ ބެހުމަށް އެހެން ގޮތެއް ހުށަހަޅައިގެން އުޅޭ މީހުންނަށް [އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް] އަޅުގަނޑު ދަންނަވާނީ ވަގުތު ބޭކާރު ކުރުން ހުއްޓައިލަމާ ހިނގާށޭ. އަޅުގަނޑުމެންގެ ރޭވުމެއް މިހާރު ވެސް އެބައޮތް،" ފްލެޗަރ ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައިވާއިރު، ފާއިތުވި 75 ދުވަހު ޣައްޒާއަށް އެއްވެސް މިންވަރަކަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ދީފައެއް ނެތެވެ.
ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި ވަނީ މާރިޗު މަހުގެ 2ވަނަ ދުވަހުއެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ.
ޔަހޫދީންގެ މި ފަދަ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑުފުރާނަ މުއްތިކުރުމުން މަޙްރޫމުވެފައިވާ ކަން ރައީސް ޓްރަމްޕް ވެސް ޤަބޫލު ކުރައްވައެވެ. ޣައްޒާގެ އާބާދީގެ ތެރެެއިން ބައި މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެހެމުންދާ ކަމުގައި، ކާބޯތަކެތި ރައްކާތެރިކަމުގެ ހާލަތު މޮނިޓަރު ކުރާ ބައިނަލްއަޤުވާމީ އިދާރާ، އިންޓެގްރޭޓެޑް ފުޑް ސެކިޔުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ)ން ވެސް ވަނީ ހާމަކޮށްފައެވެ. އެއީ، އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައެވެ.
ޔަހޫދީންނާއި އެމެރިކާއިން ރާވާފައި ވަނީ، ޣައްޒާގައި ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމުގެ ހުރިހާ މަސައްކަތެއް ޖީއެޗްއެފްގެ ދަށުން ކުރިއަށް ގެންދިޔުމަށެވެ. މި ވަގުތު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން ދަނީ އދއާއި އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ބެލުމުގެ ދަށުންނެވެ. ޖީއެޗްއެފަކީ ޓްރަމްޕްގެ ސަރުކާރުން އަޑީގައި އޮވެގެން އުފައްދާފައިވާ ޖަމުޢިއްޔާއެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، ޣައްޒާގައި ދެކުނުގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ބޮޑެތި ކޭމްޕުތަކެއް ނުވަތަ ޖަލުތަކަކަށް ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. ޣައްޒާގެ ދެކުނުގައި މި ފަދަ ހަ ޖަލެއް ބިނާ ކުރުމަށް ރާވާފައިވާއިރު، އެއިން ކޮންމެ ތަނެއްގައި 5,000އާއި 6,000އާ ދެެމެދުގެ އަދަދެއްގެ ޢާއިލާތައް ބަންދު ކުރާނެ ކަމުގައި ޔަހޫދީން ބުންޏެވެ. އަދި، ޣައްޒާގެ ދެކުނުގައި އެހީ ބެހުމަށް ޚާއްޞަކޮށް ހަތަރު މަރުކަޒެއް ޤާއިމު ކުރުމަށް ނިންމާފައިވާއިރު، އެ ތަންތަނުން އެހީ ދޫކުރާނީ ކޮންމެ ޢާއިލާއަކުން ވެސް އެންމެ މެންބަރަކަށެވެ.
ޣައްޒާގައި ބިނާ ކުރުމަށް ހަމަޖައްސާފައިވާ ޖަލުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ޔަހޫދީ ސިފައިންނެވެ. އަދި، އެހީ ބަހާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރުމަށް ނިންމާފައި ވަނީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ. އެއީ، ޔޫޖީ ސޮލޫޝަންސް އަދި ސޭފް ރީސަރޗް ސޮލޫޝަންސެވެ. އެއީ، އެމެރިކާގެ ދެ ކުންފުންޏެވެ.
ފްލެޗަރ ވިދާޅުވީ ޔަހޫދީންނާއި އެމެރިކާގެ ރޭވުމަކީ މިނިވަން އަދި އިންސާފުވެރި ރޭވުމެއް ނޫން ކަމުގައެވެ. އދގެ ބެލުމުގެ ދަށުން ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް މި ވަގުތު 9,000 ލޮރީ ބަރުކޮށް ތައްޔާރު ކޮށްފައިވާ ކަން ހާމަކުރައްވައި ފްލެޗަރ ވަނީ އެ ތަކެތި ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ގޮވައިލައްވާފައެވެ.
"އަޅުގަނޑުމެންގެ މީހުން އެބަތިބި. އެހީ ބަހާނެ ވިއުގައެއް އެބައޮތް. [ޣައްޒާގެ] ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރު ކުރޭ. އެހީ ވެސް އެބަހުރި، މި ވަގުތު ވެސް 160,000 ޕެލެޓު ހުރީ ބަރުކޮށްފައި، ވައްދަން ތައްޔާރު ކޮށްފައި. ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް ވަގުތުން ނައްތައިލުމަށް ގޮވައިލަން،" ފްލެޗަރ ވިދާޅުވިއެވެ.