ޚަބަރު

މުވާޞަލާތީ ގޮތުން ހޯދަމުންދާ ކުރިއެރުމުގެ ބޭނުން ހިފަންވީ ޤައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރަން: ރައީސް


  • މުވާޞަލާތީ ދާއިރާއިން އަންނަ ކުރިއެރުމުގެ ބޭނުން ހިފަންވީ ރާއްޖެ އިޝްތިހާރުކުރުމަށްކަމަށް ވިދާޅުވި

މުވާޞަލާތީ ގޮތުން ދުނިޔެ ދެކެމުންދާ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ޤައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުވާޞަލާތީ ދާއިރާއިން ދުނިޔެ ދެކެމުންދާ ހަލުއި ކުރެމުގެ ބޭނުން ހިފަންވީ ރާއްޖެ އިޝްތިހާރުކޮށް މަޤްބޫލުކަން އިތުރުކުރުމަށްކަމަށެވެ. އަދި އޭގެ ސަބަބުން ޤައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މުވާޞަލާތީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްކުރައްވަމުންގެންދަވާ ހުރިހާ ޚިދުމަތްތެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ޤައުމުގެ ތަރައްޤީއަށާއި މުސްތަޤްބަލަށްޓަކައި، މުހިއްމު މިޚިދުމަތުގައި ކުރިއަށް އޮތްތަނުގައި އިތުރު ކާމިޔާބީއާއި ކުރިއެރުމަށް ރައީސްވަނީ އެދިވަޑައިގެންފައެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 17 ވަނަ ދުވަހަކީ، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހެވެ. މިއަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަހުގެ ޝިއާރަކީ "ޖެންޑަރ އިކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޯރމޭޝަން" މިއެވެ.

ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އިންފޮރމޭޝަން ސޮސައިޓީއާއި ގުޅޭ މުހިންމު ކަންކަން ދުނިޔޭގެ ސަމާލުކަމަށާއި އަދި ގައުމުތަކުގެ ރައްޔިތުންނާއި އިސްވެރިންގެ ސަމާލުކަމަށް ގެނެސް ކުރިމަގުގައި އެކަންކަމާއި ގުޅޭ މައްސަލަތާއި ހުރަސްތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމެވެ.