ޚަބަރު

ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމަށް ޤައިދީންނަށް ހާއްސަ ފުޓްސަލް މުބާރާތެއް


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށް “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” ގެ ނަމުގައި މުބާރާތެއް މިއަދު ފަށައިފިއެވެ.

މިމުބާރާތް އިންތިޒާމްކޮށް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޤައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް ބޭނުންތެރި، އުފާވެރި ގޮތެއްގައި ހޭދަކުރުމަށް ބާރު އެޅުންކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.

އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް އިފްތިތާޙުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން އަދި ކޮމިޝަންގެ އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މިމިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ޤައިދީންގެ އުޅުމާއި އަޙްލާގަށް ހެޔޮ ބަދަލު އައިސް، އިސްލާޙުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ. އެގޮތުން ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް މިހާރު ހިންގާ ޕޮރޮގްރާމްތަކުގެ އިތުރުން ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

މިމުބަރާތާ ގުޅޭގޮތުން ބައެއް ޤައިދީން ބުނީ މިފަދަ ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށާއި، ދުޅަ ހެޔޮ ސިއްޙަތެއްގައި ތިބުމަށް މިފަދަ ފިޒިކަލް ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބުން މުހިންމު ކަމަށެވެ.

މިމުބާރާތް ކުރިއަށް ދަނީ ލީގު އުޞޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލްގައި ވާދަ ކުރާގޮތަށެވެ. މި ޓޯނަމަންޓްގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، ކޮންމެ ޓީމެއްގައި 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ހިމެނެއެވެ. މި މުބާރާތުގައި އެކި ޤައުމުތަކުގެ ބައެއް ޤައިދީންނާއެކު ޖުމްލަކޮށް 114 ޤައިދީން ބައިވެރިވެފައިވެއެވެ.

މި ޓޯނަމަންޓް ފެށުމުގެ ރަސްމިއްޔާތުގައި ރިހެބިލިޓޭޝަނަށް ޚާއްސަ ލަވައެއް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވަނީ އިފްތިތާޙް ކޮށްދެއްވާފައިވެއެވެ.

ބައިވެރިންނާ މުޙާތަބްކުރައްވަމުން މިނިސްޓަރ ވިދާޅުވީ ޖަލުގައި ހުންނަ ވަގުތުކޮޅު ހޭދަކޮށްފައި ޖަލުން ނިކުމެގެން ދާއިރު ޒިންމާދާރު އަދި އެބަޔަކަށްޓަކައި އެންމެން ފަޚުރުވެރިވާ، އަދި ޢާއިލާތައްވެސް ފަޚުރުވެރިވާފަދަ ބަޔަކަށް ހެދުމަށްޓަކައި މިފަދަ އެކިއެކި ޕްރޮގްރާމްތައް ހިންގޭކަމަށާއި މި ޓޯނަމަންޓްގައި އެހާ ފުރިހަމައަށް ބައިވެރިވެފައިވާތީ އެއީ، މި މަސައްކަތުގެ ކާމިޔާބީއެއް ކަމަށެވެ. އަދި ބައިވެރިންގެ ކިބައިން މިނިސްޓަރ އެދިލެއްވީ، ދެން ތިބޭ ބޭފުޅުންނަށްވެސް މިކަންކަމުގައި ބައިވެރިވުމަށް ބާރުއަޅާ، ޖަލުތެރޭގައި ހޭދަކުރާ މުއްދަތަކީ ދެފަރާތަށްވެސް ފަސޭހަކޮށް، އެންމެން ގުޅިގެން އެއްދިމާލަކަށް މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްކޮށް، ވިސްނައިދިނުމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވާހަކަފުޅު ދައްކަވަމުން މި ޓޯނަމަންޓް އިންތިޒާމްކުރި މާފުށީ ޖަލަށާއި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރުދެންނެވިއެވެ. އަދި ފާހަގަކުރެއްވީ މި ސަރވިސްގެ މަސައްކަތަކީ ވަރަށް މުޙިއްމު ޤައުމީ މަސައްކަތެއް ކަމަށާއި ޖަލުގައި ތިބި ފަރާތްތަކުގެ ތެރޭގައި ގާތްގަނޑަކަށް 80 އިން ސައްތައަކީ އުމުރުން 35 ވުރެއް ހަގު ކުދިންކަމަށާއި އެއީ މި ޤައުމުގެ މުސްތަޤްބަލް ކަމަށެވެ. އަދި ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގިގެން ޖަލުން ސަލާމަތްވެ، މުޖްމަޢުއަށް ޚިދުމަތްކުރާނެ ބަޔަކަށް ހެދުން ކަމުގައި ދެކިވަޑައިގަންނަވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.