ކުޅިވަރު

އެފްއޭ ކަޕް ޕެލަސްއަށް، ސިޓީއަށް ހުސް ސީޒަނެއް


ގަދަފަދަ މެންޗެސްޓާ ސިޓީ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ކްރިސްޓަލް ޕެލަސްއިން އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފިއެވެ.

ލަންޑަނުގެ ވެމްބްލީގައި ކުޅުނު ފައިނަލް މެޗުގެ ހަމައެކަނި ލަނޑު 16 ވަނަ މިނިޓްގައި އެބެރޭޗީ އެޒޭ އެވެ.
މިއީ 119 އަހަރުވީ ކުލަބުގެ ތާރީހުގައި އެކުލަބުން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު ކްރިސްޓަލް ޕެލަސް ފައިނަލްގައި ކުޅުނެވެ. އެއީ 1990 އަދި 2016 ވަނަ އަހަރު އެވެ.

މި މެޗުގެ 36 ވަނަ މިނިޓްގައި ސިޓީ އަށް ޕެނަލްޓީ އެއް ވެސް ލިބުނެވެ. އެކަމަކު އޮމަރު މަރުމޫޝް ޖެހި ޕެނަލްޓީ ކީޕަރު ޑީން ހެންޑަސަން ދިފާއުކުރީ އެވެ.

މިއީ 2016 ވަނަ އަހަރުގެ ފަހުން މެންޗެސްޓާ ސިޓީ އަށް ތައްޓެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ސީޒަނެވެ. އަދި އެ ޓީމު މިވަގުތު އޮތީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ވެސް ގެއްލޭ ހިސާބުގަ އެވެ.

މިރޭގެ މެޗުގެ ނިމުމާއެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ ކްރިސްޓަލް ޕެލަސްގެ ގޯލްކީޕަރު ޑީން ހެންޑަސަން އަށެވެ. ގާޑިއޯލާ ގަބޫލުކުރާ ގޮތުގައި ކީޕަރަކީ ރަޔްކާޑު ދައްކައި ދަނޑުން ފޮނުވާލަންޖެހޭ ފަދަ ފައުލްކުރި ކުޅުންތެރިއެކެވެ. އެއީ ޕެނަލްޓީ އޭރިޔާގެ ބޭރުން ބޯޅަ ނެގި މައްސަލާގަ އެވެ.

މި ހާ ދަށްކޮށް ސީޒަން ނިންމާލަން ޖެހުނުއިރު ސިޓީ އަކީ ފާއިތުވެދިޔަ ފަސް އަހަރު އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް މި ސީޒަނުގެ ދަށް ނަތީޖާތަކާއެކު މިހާރު ވަނީ ޓީމު ވަރަށް ބޮޑަށް ޒުވާން ކުރަން ފަށައިފަ އެވެ.

މެޗަށް ފަހު ހެންޑަސަން ބުނީ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް އުފާވެފައި ކަމަށެވެ.

"އަހަރުމެންނަށް މިއަދު އިހުސާސް ކުރެވޭ މިއީ އަހަރުމެންގެ ދުވަސްކަން. ކޯޗުގެ ގޭމް ޕްލޭނަށް އަހަރުމެން މުޅި މެޗުގައި ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރިން. އަހަރުމެން މި މެޗުން މޮޅުވުން ހައްގު. ހަމަ ތެދެއް. ސިޓީން ހާލަންޑް ޕެނަލްޓީ ނުޖަހައި މަރުމޫޝް އަށް ޕެނަލްޓީ ޖަހަން ދިނުމުން އޭނާ ޖަހާނެ ފަޅި އަހަރެންނަށް އެނގުނު. އަހަރެންނަށް އެހާ ފަސޭހައިން އެ ޕެނަލްޓީ ސޭވް ކުރެވުނީ އެހެންވެ،" ކީޕަރު ބުންޏެވެ.

އޭނާ އަދި ބުނީ މި ކާމިޔާބީ ހާއްސަ ކުރަނީ މި ސީޒަން ފެށުމުގެ ކުރިން ނިޔާވި އޭނާގެ ލޯބިވާ ބައްޕަ އަށް ކަމަށެވެ.