ޚަބަރު

ޣައްޒާ އަލުން އާރާސްތުކުރުމަށް ޢަރަބި ލީގުން ފައިސާ ހޯދަނީ


ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޢަރަބި ލީގުން މަސައްކަތް ފަށައިފިއެވެ. މި ގޮތުން، ޣައްޒާ އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް ޢަރަބި ޤައުމުގެ ވެރިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ. ޢަރަބި ޤައުމުތަކުގެ ވެރިން މި ކަމަށް ގޮވައިލައްވާފައި ވަނީ ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި މިހާރު ކުރިއަށްދާ ޢަރަބި ލީގުގެ 34ވަނަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ޣައްޒާއަށް ޔަހޫދީން ކުރިމަތި ކޮށްފައިވާ މުސީބާތެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,272އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 120,673އަށް އަރައެވެ.

ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ޣައްޒާ އަލުން އަރާސްތު ކުރުމަށް ޢަރަބި ޤައުމުތަކުން ވަނީ ރޭވުމެއް ހުށަހަޅާފައެވެ. އަދި، އެ ރޭވުން ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އެހީދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ޢަރަބި ލީގުގެ މެންބަރުން މި ވަނީ ގޮވައިލާފައެވެ. ޣައްޒާ އަލުން އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ޢަރަބިން ފަށާފައި މި ވަނީ، ޣައްޒާ ފޭރިގަތުމަށް ޔަހޫދީ ފައުޖުން ޢުދުވާނީ ޙަމަލާތައް ފުޅާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ބިމަކީ އެމެރިކާގެ މިލްކިއްޔާތަކަށް ހެދުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެސް ތަސައްވުރެކެވެ. އޭނާ ބޭނުން ވަނީ ފަތުރުވެރިކަމަށް ޣައްޒާ ތަރައްޤީކޮށް، އެ ތަނުން މާލީ ނަފާ ހޯދުމެވެ. އެ ކަން ކުރުމުގެ ކުރިން ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަންނަން ޖެހޭނެއެވެ. އަދި، އެ ކަން ކުރުމަށް ޔަހޫދީ ފައުޖުން ދަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޣައްޒާގެ މިލިޔަނެއްހާ ރައްޔިތުން ލީބިޔާއަށް ބަދަލު ކުރުމަށް އެމެރިކާއިން ރާވާފައިވާ ކަން ވެސް ދާދިފަހުން ފަޅާއަރާފައިވެއެވެ.

"[ޣައްޒާގައި] ހިންގަމުންދާ ޤަތުލުޢާންމު، ދުނިޔޭގެ ތާރީޚުގައި ވެސް ނުދެކޭ ފަދަ މިންވަރަކަށް ހުތުރުވެގެން ހިނގައްޖެ،" ޢަރަބި ލީގުގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ވިދާޅުވިއެވެ. ޣައްޒާ އަލުން އާރާސްތު ކުރުމަށް ފަންޑެއް އެކުލަވައިލުމަށް ޢިރާޤުން ތާޢީދު ކުރާ ކަމަށާއި، އެ ފަންޑަށް ޢިރާޤުން 20 މިލިޔަން އެމެރިކާ ޑޮލަރު ހަދިޔާ ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ ލުބްނާންގެ ރަށްތައް އާރާސްތު ކުރުމަށް އިތުރު 20 މިލިޔަން ޑޮލަރު ހަދިޔާ ކުރާނެ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓުމަކަށް ގެނައުމަށް ވެސް ސޫދާނީ ވަނީ ގޮވައިލައްވާފައެވެ. "އަޅުގަނޑުމެން ގޮވައިލައިފިން، މިހާރު ވެސް މި ދަނީ ގޮވައިލަމުން، ޢަރަބިން މި ކަމުގައި ސީރިޔަސް ފިޔަވަޅުތަކެއް އެޅުމަށް، އަދި އުންރުވާގެ [ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުވެރި ދައުލަތްތައް (އދ)ން އުފައްދާފައިވާ ޖަމުޢިއްޔާގެ] މަސައްކަތްތައް އަލުން ފަށައިގަތުމަށް،" އޭނާ ވިދާޅުވިއެވެ.

ޣައްޒާ އަލުން އާރާސްތުކުރުމާ ގުޅޭ ގޮތުން ޢަރަބި ލީގުން މަޝްވަރާތައް ބާއްވާފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފުގެ ތިން ޤައުމަކަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލައްވާފައިވާ ދަނޑިވަޅެއްގައެވެ. ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އަށް ޓްރަމްޕް ކުރެއްވި ދަތުރުފުޅާ އެކު، ޣައްޒާ އުދުވާން ހުއްޓުވުމުގެ އުންމީދު އައުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޢިރާޤުގައި ބޭއްވި ޢަރަބި ލީގުގެ ސަމިޓުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ އިތުރުން ސްޕެއިންގެ ބޮޑުވަޒީރު ޕޭދްރޯ ސަންޗޭޒް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ދެ ބޭފުޅުންނަކީ ޔަހޫދީންގެ ޤަތުލުޢާންމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދެ ބޭފުޅުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. "އަޅުގަނޑުމެން ބޭނުމީ ދެމެހެއްޓެނިވި ގޮތެއްގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް، އަދި އެއްވެސް ޝަރުޠަކާ ނުލައި [ޙަމާސުން ރަހީނު ކޮށްފައިވާ] އަސީރުން މިނިވަން ކުރުމަށް، އަދި އެެއްވެސް ހުރަހަކާ ނުލައި [ޣައްޒާއަށް] އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް، އަދި ފުރަބަންދު އުވައިލުމަށް،" ގުތެރޭޝް ވިދާޅުވިއެވެ.