ޚަބަރު

ބެޓްމިންޓަންގެ ބައިނަލްއަގްވާމީ މައި އިދާރާއިން ރާއްޖެ ސަސްޕެންޑް ކޮށްފި


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ބެޓްމިންޓަންގެ ބައިނަލްއަޤްވާމީ މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީ.ޑަބްލިއު.އެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފިއެވެ.

އެ އިދާރާއިން ރާއްޖެ ސަސްޕެންޑް ކުރީ ކޮމިޝަނާރ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެކުލަވާލި އެޑްހޮކް ކޮމިޓީގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ މެމްބަރެއް ހިމެނިފައިނުވާކަމަށް ބުނެ، ނުފޫޒު ފޯރުވާފައިވާކަމަށް ބީޑަބްލިއުއެފްއަށް ފާހަގަކުރެވިފައި ވާތީއެވެ.

ރާއްޖެ ސަސްޕެންޑްކޮށްފައިވާކަމަށް އަންގާފައިވަނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް ތަމޫހް އަހުމަދަށް އެޑްރެސްކޮށް ބީޑަބްލިއުއެފްގެ ސެކެޓްރީ ޖެނެރަލް ތޯމަސް ލުންޑް ފޮނުވާފައިވާ ސިޓީއެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސިޓީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހެވެ.

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ވަގުތީ ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމުގައި އެ އެސޯސިއޭޝަންގެ އިސްވެރިންގެ މެދުގައި ދެބަސްވުންތައް އުފެދި ހިންގާ ކޮމިޓީ އެކުލަވާނުލެވި ވަނީ ގިނަދުވަސްތަކެއް ފާއިތުވެފައެވެ. އަދި ސްޕޯސްޓް މިނިސްޓްރީން ވަނީ އެ އެސޯސިއޭޝަން އަލުން އިޔާދަކުރުމަށް ފުރުސަތުދީ އެސޯސިއޭޝަނުގެ ޤާނޫނީ ހައިސިއްޔަތުވެސް ވަގުތީ ގޮތުން އުވާލާފައެވެ.