ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް، ޑީބީއެމްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސިއީއޯގެ މަޤާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާ ހުށަހެޅުއްވި ތާރީޚާއި ހަމައަށް މުސާރަ ދީފައިވާކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.
ނޮއެލްއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބިގެން އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިދިޔަ މަހު ވަނީ މައްސަލައެއް ހުށަހަޅުއްވާފައެވެ.
ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސިއީއޯގެ މަޤާމަށް ނޮއެލް އައްޔަންކުރީ އޮގަސްޓު 2024ގެ ތެރޭގައެވެ.
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްވަނީ މިދިޔަ މާރިޗުމަހުގެ 20ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ނޮއެލް މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގެންފައިވާކަމަށް ބޭންކުން ނެރުއްވި ބަޔާނުގައިވެއެވެ. އަދި އިސްތިއުފާ ދެއްވި ފަހުން، ޑީބީއެމްގެ އެއްވެސް މަސައްކަތެއްގައި އޭނާ ހަރަކާތްތެރި ނުވާކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.
ޑީބީއެމުން ވިދާޅުވީ، ނޮއެލް އިސްތިޢުފާ ހުށަހެޅުއްވި ނޯޓިސްގެ މުއްދަތުގައި އޭނާއަށް މުސާރަ ދީފައިނުވާކަމަށް ބުނެ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލައާއި ބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތައް ކުރައްވަމުންގެންދަވަނީ އެ ބޭންކުގެ ޤާނޫނީ ވަކީލުގެ ޓީމުންކަމަށާއި، މައްސަލަ ފައިލްކުރުމުގައި އެ ބޭންކުން ކުރަންޖެހޭ އެންމެހާ ކަމެއް ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރައްވަމުން ގެންދަވާނެކަމަށެވެ.
ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.