ކުޅިވަރު

އިންލައިން ސްކޭޓް ސީރީޒްގައި ރާއްޖެ ތަމްސީލުކުރާ ޓީމަށް ޖާޒީ ހަވާލުކޮށްފި


އިންޑޮނޭޝިއާގައި ފެށުމަށް ތައްޔާރުވަމުންދާ އިންލައިން ސްކޭޓް ސީރީޒްގައި ވާދަކުރުމަށްދާ ސްކޭޓަރުންނަށް ޖާޒީ އަދި ކިޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މެންހަޓަން ބިޒްނަސް ސެންޓަރުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުކޮށްދެއްވީ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހަންމަދު ދިލްޝާން ޢަބްދުﷲއެވެ. މީގެ އިތުރުން ރާއްޖެއަށް ރަންމެޑަލް އެންމެ ފުރަތަމަ ގެނެސްދިން ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރު އިމްރާން މުހަންމަދާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ކުދިންނަށްވަނީ ކިޓު ހަވާލުކޮށްދީފައިވެއެވެ.

މުޅިން އަލަށް ރާއްޖެއިން ބައިވެރިވާ މިމުބާރާތުގައި ރާއްޖޭން 19 އެތުލީޓުން ވާދަކުރާނެއެވެ. ރާއްޖޭގެ ސްކޭޓަރުން ވާދަކުރާނެ އުމުރުފުރާތަކަކީ 14 އަހަރާއި 17 އަހަރާ ދެމެދާއި، 14 އަހަރުން ދަށުގެ އުމުރުފުރާ އަދި 11 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 9 އަހަރުންދަށުގެ އުމުރުފުރާގެ ކެޓަގަރީއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ސްޓޭޓް މިނިސްޓަރ ދިލްޝާން ވަނީ ރާއްޖޭގެ ސްކޭޓަރުންނަށް މަރުހަބާ ދަންނަވާ ކާމިޔާބަށް އެދިވަޑައިގަންނަވާފައެވެ. ދިލްޝާން ވަނީ ކުޅިވަރު ވުޒާރާއިން އަބަދުވެސް މަސައްކަތްކުރަނީ ގިނަ ފުރުސަތުތަކެއް ކުޅުންތެރިންނަށް ހޯދައިދިނުމަށްކަން ފާހަގަކުރައްވާ ސްކޭޓިންއަށްވެސް ގިނަ ކަންތައްތަކެއް ކުރިއަށް ރޭވިފައި ހުރިކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކޭޓް މޯލްޑިވްސްގެ ރައީސް މުހަންމަދު ހާނިމް ވިދާޅުވީ މުބާރާތަށް ތައްޔާރުވުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަމަށާ ވަކިން ޚާއްސަކޮށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި ކުޅިވަރު ވަޒީރަށް ޝުކުރުދަންނަވާފައެވެ.

އިންލައިން ސްކޭޓް ސީރީޒް ދޭއް ކުރިއަށްދާނީ މިމަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައެވެ. މިމުބާރާތައް ރާއްޖޭގެ ޓީމު ފުރުމަށްހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.