ޚަބަރު

ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރެވޭނީ ގުޅިގެން ކުރެވޭ މަސައްކަތުން


  • މިހާތަނަށް އައިއިރު، 93 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައި

  • ރޭންޖާރސް ލައިގެން މެނޭޖްކުރެވެމުންދަނީ 6 ސަރަހައްދެއް

  • ރާއްޖޭގައި 3 ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްވަނީ ލިސްޓު ކުރެވިފައި

މިއަދަކީ "އިންޓަރނޭޝަނަލް ޑޭ އޮފް ބައިލޮޖިކަލް ޑައިވަރސިޓީ" ނުވަތަ ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "ހާމަރނީ ވިތް ނޭޗަރ އެންޑް ސަސްޓެއިނަބަލް އެނަރޖީއެވެ.

މުޅި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްސަލަތަކެވެ. އެކަމަށް އެންމެ ބާރަށް އަޑު އުފުލާ އެންމެ ކުޑަ ގައުމަކީ މި ކުޑަކުޑަ ދިވެހި ރާއްޖެއެވެ. ސަބަބަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނެ އެއްގައުމަކަށް މިގައުމުވުމެވެ.

ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މި ރާއްޖެއަކީވެސް މުއްސަނދި ވެއްޓެއް ލިބިފައިވާ ޤައުމެކެވެ. ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އަދި ހިތްގައިމު، އެންމެ މުއްސަނދި ގުދުރަތީ ނިޒާމަކީ ރާއްޖޭގެ ރައްތަކާއި ގުޅިފައިވާ މުރަކައިގެ ފަރުތަކެވެ. އެގޮތުން ރާއްޖޭގެ މުރަކައާއި ފަރުތަކުގެ ނިޒާމު 8900 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ހިއްސާކުރާއިރު، މިއީ ދުނިޔޭގެ މުރަކައާއި ފަރުތަކުގެ 5 އިންސައްތައެވެ. ދުނިޔޭގެ ނިސްބަތުންވެސް 7 ވަނަ އަށް އެންމެ ބޮޑު މުރަކައާއި ފަރުތަކުގެ ނިޒާމު އޮތީ ރާއްޖޭގައެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ އެންވަޔަރަންމަންޓް ރިސާރޗް އެންޑް ކޮންޒަވޭޝަން ޔުނިޓްގެ ޑިރެކްޓަރ ޔޫސުފް ރިޟްވާން ވިދާޅުވީ ރާއްޖޭގެ ވެއްޓަކީ ވަރަށް ނާޒުކު އެއްޗެއްކަމަށެވެ. ސަބަބަކީ ރާއްޖޭގެ ވެށީގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދައް ވުމުންނެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ސަރަހައްދަށް ވަރަށް ބޮޑަށް އަސަރުކުރާކަމަށް ޔޫސުފް ވިދާޅުވިއެވެ.

ޔޫސުފް ވިދާޅުވީ ރާއްޖޭގެ ތިމާވެށި ގުޅިލާމެހިފައިވަނީ ރާއްޖޭގެ އިޤްތިޞާދާކަމަށެވެ. އެގޮތުން ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލަންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވެށީގެ ރައްކާތެރިކަން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.

" ކުރިއަށް އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތްކޮށް ދަމަހައްޓަން ފޯރުކޮށްދޭންޖެހޭ ކަނޑުގެ މާހައުލާއި އަޅުގަނޑުމެންގެ ރަށްތަކާއި ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރަން. އަޅުގަނޑުމެންނާއި މި އެއްޗިއްސާއިވަނީ ގުޅި ލާމެހިފައި. ތަރައްޤީގެ މަޝްރޫޢުތައް ބައްޓަން ކުރުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ" ޔޫސުފް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ 1192 ރަށުގެ ވަށައިގެންވާ ޤުދުރަތީ މާހައުލު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާއިރު، ރާއްޖޭގެ 99 އިންސައްތައަކީ ކަނޑެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުގައި، 1100 އަށްވުރެ ގިނަ ބާވަތްތަކުގެ މަސް އުޅެއެވެ. އޭގެ ތެރޭގައި ބޮޑުމަހާއި ކޯމަހުގެ 21 ވައްތަރަކާއި، ވެލާގެ 5 ވައްތަރެއް ހިމެނެއެވެ.

ރާޢްޖޭގެ ޤުދުރަތީ މުއްސަނދިކަން ކަނޑުތަކުން އެކަނި ނިންމާލެވެން ނެތެވެ. އެހެނީ މުރަކައިގެ ދިރުންތަކުގެ ގޮތުގައި 180 ވައްތަރެއް ފާހަގަކުރެވިފައިވާއިރު، ފިނިހަކަ، އިތާ، ބޯވައިގެ އިތުރުން ބޯވަދިލަމަހުގެ އާއިލާއަށް ނިސްބަތްވާ 400 އެއްހާ ވައްތަރުވެސް ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅެއެވެ. އަދި 145 ވައްތަރެއްގެ ކަކުނި އުޅޭއިރު، ޑިނގާގެ 48 ވައްތަރެއް ރާއްޖޭގައި އުޅެއެވެ.

އެއްގަމުގެ ދިރުމަށް ބަލާއިރު، 580 އަށްވުރެ ގިނަ ބާވަތުގެ ގަސް ރާއްޖޭގައި ހުރެއެވެ. އަދި 170 އަށް ވުރެ ގިނަ ދޫނި ރާއްޖޭގައި އުޅެމުންދާކަމަށް ރެކޯޑުތަކުން ދައްކައެވެ. މިއީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ކުޑަ މިންވަރެކެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކޮންމެ އަތޮޅެއްގައި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތައް ދެނެގަނެ އެތަންތަން ހިމާޔަތް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު، 93 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި 3 ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް ވެސް ލިސްޓުކޮށްފައިވެއެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ތިމާވެށި ބަލަހައްޓާ މީހުން ނުވަތަ ރޭންޖާރސް ލައިގެން 6 ސަރަހައްދެއް އަންނަނީ މެނޭޖްކުރަމުންނެވެ.