އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެ ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ.
އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ސިޓީ އަށް މި ނަތީޖާ އާއިއެކު ވަނީ 68 ޕޮއިންޓު ލިބިފަ އެވެ.
ލިވަޕޫލް އާއި އާސެނަލް އަށް ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުވެފައިވާއިރު ލީގުގައި ބާކީ އެއް މެޗު ކޮންމެ ޓީމަކަށްވެސް އޮތްއިރު އަނެއް ތިން ޖާގައަށް ފަސް ޓީމެއް ދަނީ ވާދަކުރަމުންނެވެ. ސިޓީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރަމުންދާ އަނެއް ހަތަރު ޓީމަކީ ނިއުކާސަލް ޔުނައިޓެޑާއި ޗެލްސީގެ އިތުރުން އެސްޓަން ވިލާ އާއި ނޮޓިންހަމް ފޮރެސްޓެވެ. މީގެ ތެރެއިން ނޮޓިންހަމް ފޮރެސްޓަށް 65 ޕޮއިންޓް ލިބިފައިވާއިރު އަނެއް ތިން ޓީމަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ މި ސީޒަނުގައި އެ ޓީމު އަމިއްލަ ދަނޑުގައި ކުޅޭނެ ފަހު މެޗެވެ. އަދި މި ސީޒަނަށްފަހު ސިޓީ އިން ވަކިވާ ކެވިން ޑެބްރޫނިއާ އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ ފަހު މެޗަށް މި މެޗު ވީތީވެ އޭނާއަށް ހާއްސަ ގާޑްއޮފް އޮނާރ އެއްވަނީ އަރުވާފަ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި ސިޓީގެ ފޯވަޑް އުމަރު މަރްމޫޝް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ސިޓީ އާއި ގުޅުނު ފަހުން މަރްމޫޝް އެ ކްލަބަށް ކާމިޔާބުކޮށްދިން އަށްވަނަ ލަނޑެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ބާރނަޑޯ ސިލްވާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ 67 ވަނަ މިނިޓުގައި ސިޓީގެ މިޑްފީލްޑަރ މަޓިއޯ ކޮވަސިޗް އަށް ރެފްރީ ދެއްކި ރަތް ކާޑާއިއެކު ސިޓީން މެޗުގެ ބާކީ ބައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އަދި އޭގެ ހަ މިނިޓު ފަހުން ބޯންމަތުގެ ލެވިސް ކުކް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށްވެސް ރަތް ކާޑު ދައްކާފަ އެވެ.
މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޯ ގޮންޒަލޭޒް އެވެ.
ބޯންމަތު އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ޑޭން ޖެބިސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ލިބުނު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު ސިޓީގެ މިޑްފީލްޑަރ ރޮޑްރީ ވަނީ އަލުން ކުޅުމުގެ ތެރެއަށް އައިސް މި މެޗުގައި ކުޅެފަ އެވެ.