ޚަބަރު

އެކަށީގެންވާ ވަރަށް ޣައްޒާ އަށް އެހީ ވެއްދުމުގެ ފުރުސަތު އަދިވެސް ނުދޭ


ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ކޮންމެވެސް ވަރަކަށް ވެއްދުމަށް ފުުރުޞަތު ދިނުމަށް ޔަހޫދީން އެއްބަސްވެފައިވާ ނަމަވެސް، އެދެވޭ މިންވަރަށް އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ނުދެއެވެ.

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ޖަމާޢަތުން ޔަހޫދީންނަށް ދިން ޙަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53،600އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަޞީލަތްތައް ވެސް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން މިހާރު ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައެވެ.

ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދޭނެ ކަމަށް އިޢުލާނު ކޮށްފައެވެ. އެ ފުރުޞަތު ދިނުމަށް ޔަހޫދީން ނިންމީ ބަޔަކު ގަސްތުގައި ބަނޑަށް ޖައްސާތީ މުޅި ދުނިޔެއިން އެ ކަން ކުށްވެރި ކުރާތީ، ޔަހޫދީންނާ ގުޅުން ހުރި ޤައުމުތަކަށް އޮތް ތާއީދު ކުޑަވަމުން ދިޔުމުގެ ސަބަބުންނެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހޭތީ ތާއީދު ގެއްެލެމުންދާ ކަމުގެ ކަންބޮޑުވުންތައް ޙިއްޞާ ކޮށްފައިވާ ކަމަށް ބުނެފައެވެ.

އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދިން ނަމަވެސް، މެއި މަހުގެ 19ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް މިހާތަނަށް އެތެރެ ކޮށްފައި ވަނީ 100 ޓްރަކަށްވުރެ ވެސް މަދު ޢަދަދެއްގެ ސާމާނެވެެ. މި ޙާލަތުގައި ވެސް ޔަހޫދީން ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދެމުންދާތީ، ފުށާއި ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ އެހެން ސާމާނު އަދި ވެސް ޣައްޒާގެ ބޭކަރީތަކަށް ފޯރު ކޮށްދެވިފައެއް ނުވެއެވެ. މެއި މަހުގެ 21ވަނަ ދުވަހު އެކަނި ވެސް ޔަހޫދީން ވަނީ ޣައްޒާގެ 115 އަމާޒަކަށް ޙަމަލާދީ 34 މީހުން ޝަހީދު ކޮށްލައިފައެވެ.

ޣައްޒާގެ ބޭކަރީ ހިންގާ ވިޔަފާރިތަކުގެ ޖަމްޢިއްޔާގެ އިސްވެރިޔާ އަބްދުލް ނާޞިރް އަލް-އަޖްރަމީ ވިދާޅުވީ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޕްރޮގުރާމު، ޑަބްލިޔުއެފްޕީން ޣައްޒާގެ 25 ބޭކަރީއަކަށް ފުށް ފޯރުު ކޮށްދޭނެ ކަމުގެ މަޢުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މިންވަރަކަށް އެ ތަކެތި ލިބިފައި ނުވާ ކަމަށާއި ބަނޑަށް ޖެހިފައިވާ ޣައްޒާގެ ރައްޔިތުން އަދި ވެސް ތިބީ ކާނެ އެެއްޗެއްގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ އަވަށެއް ކަމަށްވާ ބައިތު ލާޙިޔާގެ އުމުރުން 67 އަހަރުގެ ސަބާޙް ވަރްޝް އަޣާ ބުނީ އާންމުންނަށް ފުށެއް ވެސް ކާނެ އެއްޗެއް ވެސް ފެން ފޮދެއް ވެސް ނުލިބޭ ކަަމަށެވެ. މީގެ ކުރިން ފެން ހޯދަމުން ދިޔައީ ޕަންޕަކުން ކަމަށާއި ނަމަވެސް މިހާރު އެ ޕަންޕު މަސައްކަތް ނުކުރާ ކަމަށް އޭނާ ބުންޏެވެ. ޣައްޒާގެ ރައްޔިތުންނަށް ތެލާއި ގޭސް ވެސް ނުލިބޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ދެ މަސް ދުވަހަށް ޙަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތުމަށް ފަހު ޔަހޫދީން ޣައްޒާއަށް އަލުން ޙަމަލާދޭން ފެށުމުން ގިނަ ޤައުމުތަކަކުން ދަނީ އެ ކަން ކުށްވެރި ކޮށް، ޔަހޫދީންނަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި މީގެ ކުރިން އިސްރާއީލަށް ފާޅުގައި ފާޑުކިޔަން ޖެހިލުންވެފައި ތިބި ޤައުމުތައް ވެސް ހިމެނެއެވެ. ޔަހޫދީންގެ އެންެމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ކިބައިން ވެސް ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޢަމަލުތަކާމެދު ހިތްހަމަ ނުޖެހިފައިވާ ކަމުގެ އިޝާރާތްތައް ފެންނަން ފަށައިފައެވެ.

ޣައްޒާ މައްސަލައިގައި އިނގިރޭސިވިލާތުން ވެސް ވަނީ އިސްރާއީލާއެކު ޤާއިމު ކުރުމަށް މަޝްވަރާ ކުރަމުންދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމާގުޅޭ މަޝްވަރާތައް މެދުކަނޑާލައިފައެވެ. ވިލާތުގެ އިއްތިޙާދުން ވެސް ވަނީ އިސްރާއީލާއެކު ޤާއިމު ކޮށްފައިވާ ސިޔާސީ އަދި އިޤްތިޞާދީ ގުޅުމާބެހޭ އެއްބަސްވުމެއް އަލުން މުރާޖަޢާ ކުރުމަށް ނިންމައިފައެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާއިން ވަނީ ޣައްޒާއަށް ޙަމަލާ ދިނުން ހުއްޓާނުލައި ކުރިއަށް ގެންދާނަމަ ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އިސްރާއީލުގެ ސަރުކާރުން ވެސް ދަނީ އިދިކޮޅު ޕާޓީތަކާއި އެ ޕާޓީތަކަށް ތާއީދު ކުރާ އާންމުންގެ ނުރުހުމާ ކުރިމަތިލަމުންނެވެ.