ޚަބަރު

ޣައްޒާއަށް 98 ލޮރީގެ އެހީ ވެއްދި ނަމަވެސް ބަހަން ފަށާފައެއް ނުވޭ: އދ


ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރު ކޮށްފައިވާ 98 ލޮރީ ފަލަސްޠީނުގެ ޣައްޒާއަށް އެތެރެވުމަށް ޔަހޫދީން ފުރުޞަތު ދީފައި އޮތް ނަމަވެސް، އެ ސަހަރުގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އަދިވެސް ޔަހޫދީ ފައުޖުން ހުރަސްތައް ކުރިމަތި ކުރަމުންދާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. ކަރީމް އަބޫ ސާލިމް ސަރަޙައްދީ ހުރަހުން ޣައްޒާއަށް އެތެރެ ކޮށްފައިވާ ލޮރީތަކުގައި ހުރީ ގޮދަންފުށާއި، ތުއްތުކުދިންގެ ކާނާއާއި ބޭހުގެ ބައެއް ސާމާނެވެ.

ކާބޯތަކެއްޗާއި އިންސާނީ އެހީގެ ކުޑަ މިންވަރެއް ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ދީފައި މި ވަނީ 11 ހަފުތާއަށް ފަހުއެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނުގެ އިތުރުން ބޭހާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. އަދި، ޖަނަރޭޓަރުތަކާއި އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް އޮތީ ހުރަސް އަޅާފައެވެ.

އދގެ އިދާރާއެއް ކަމުގައިވާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ޣައްޒާއަށް ވައްދާފައިވާ ކާބޯތަކެތި، އެ ސަހަރުގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ޢާންމު ބަދިގެތަކާއި، ޕާން ފިހާ ބޭކަރީތަކަށް ފޯރުކޮށްދެވިފައި ނުވާ ކަމުގައެވެ. އަދި، ބޭސް ފަރުވާގެ ސާމާނު ހަސްފަތާލުތަކަށް ގެންގޮސްދެވިފައި ނުވާ ކަމުގައެވެ. އެ ތަކެތީގެ އިންތިޒާރުގައި ޢާންމު ބަދިގެތަކާއި، ބޭކަރީތަކުގެ އިތުރުން ހަސްފަތާލުތައް ތިބި ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

"މި އެހީގެ ތެރެއިން އެއްވެސް މިންވަރެއް، އެއީ ވަރަށް މަދު އަދަދެއްގެ ލޮރީ، ޣައްޒާގެ ރައްޔިތުންނާ ހަމައަށް ފޯރާފައެއް ނުވޭ،" ފަލަސްޠީނަށް ޑަބްލިޔުއެފްޕީން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ އޮންޓުވާން ރެނާ ވިދާޅުވިއެވެ. ޣައްޒާއަށް ކާބޯތަކެތީގެ ކުޑަ މިންވަރެއް އެތެރެ ކުރުމުގެ ފުރުޞަތު ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފައި މި ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށި ކުރުމަކީ، އެ ސަހަރުގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖައްސައި، ބަނޑަށްޖައްސައި ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ސިފަ ކުރެއެވެ.

ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ކައިރީގައި މިހާރު ވެސް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ 9,000އަށްވުރެ ގިނަ ލޮރީ ހުއްޓުވާފައި އެބައޮތެވެ. ރެނާ ވިދާޅުވީ، އެ ތަކެތި ޣައްޒާއަށް އެތެރެކޮށް، ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ފޯރުކޮށްނުދެވިއްޖެ ނަމަ، ޣައްޒާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ބަނޑަށްޖެހުމުގެ ނުރައްކާ އޮތް ކަމުގައެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެ މީހުން މިހާރު ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތާ ޙަވާލުވުމަށް އެމެރިކާއިން ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދާފައެވެ. މި ހިނގާ މޭ މަހުގެ ފަހުކޮޅު، ޣައްޒާގައި އެހީ ބެހުމުގެ ހުރިހާ މަސައްކަތާ ޙަވާލުވުމަށް އެ ޖަމުޢިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާއާއި ގުޅިގެން ޔަހޫދީން ރާވާފައި އޮތީ ޣައްޒާގައި ބޮޑު ހަ ކޭމްޕު ނުވަތަ ޖަލު ޤާއިމު ކުރުމަށެވެ. އަދި، ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ޖަލުތަކަށް މަޖުބޫރުން ބަދަލު ކުރުމަށެވެ. އެއިން ކޮންމެ ޖަލަކަށް 5,000އާއި 6,000އާ ދެމެދުގެ އަދަދެއްގެ ޢާއިލާތައް ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. އެ ޖަލުތަކުގެ ކޮންޓުރޯލު އޮންނާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ ކިބައިގައެވެ. އަދި، ޣައްޒާގައި އެކި ސަރަޙައްދުތަކުގައި އެހީ ބެހުމަށް ޚާއްޞަ ކޮށްފައިވާ މަރުކަޒުތަކެއް ޔަހޫދީ ފައުޖުން ޤާއިމު ކުރާނެއެވެ. އެ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކުރުމަށް ނިންމާފައި އޮތީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ.

އެހީގެ ކުޑަ މިންވަރެއް އެތެރެ ކުރުމުގެ ފުރުޞަތު ދިން ނަމަވެސް، ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 93އަށް އުފުލިފައިވާ ކަމުގައެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ދަޔިރް އަލް-ބަލަޙާއި ޣައްޒާ ސިޓީއަށެވެ.