ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނުގެތެރޭގައި ޓޭބަލް ޓެނިސް އާއި ފުޓްބޯޅަ އާއި އެތްލެޓިކްސްގައި ބޭނުންކުރާ ތަކެތި ހިމެނެއެވެ.
ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ކުޅިވަރު ސާމާނު ހަވާލުކުރުމަށް މިއަދު ހެންވޭރު ބޯޅަ ގޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޔުނާން ޕްރޮންވިންސުގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކުރި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މިތަކެތި ކުޅިވަރާއި ބެހޭ ވުޒާރާއާއި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޗިންހުއާއެވެ. މިތަކެތި ރާއްޖެއަށް ހަދިޔާކުރުމުގެ އެއްބަސްވުމެއްގައިވެސް އެ ދެބޭފުޅުންވަނީ ސޮއި ކުރައްވާފައެވެ.
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ފުޓްބޯޅަ އާއި ސްޓަރޓިން ބްލޮކްތަކާއި ހާޑަލްސް އާއި މެނުއަލް ޓައިމްކީޕިން ސާމާނާއި ސްކޯ ބޯޑާއި، ޓޭބަލް ޓެނިސް ރެކެޓާއި ޓޭބަލް ޓެނިސް ބޯޅަ އަދި ޖަޖުންނަށް ހާއްސަ ގޮނޑި ހިމެނެއެވެ.
މިތަކެތި ރާއްޖެއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ވަނީ ޗައިނާއިން ހަދިޔާކުރި ކުޅިވަރު ސާމާނުގެ އިތުރުން ކުޅިވަރު ދާއިރާއަށް އެގައުމުން ވެދޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދޭކަން ފާހަގަކުރައްވާ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖެއަށް މިހާ ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކުރުމުން ދޭހަވަނީ ޗައިނާއިން ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުމަށް ދޭ އަހަންމިޔަތުކަން ކަމަށާއި، ޗައިނާއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ބައިވެރިއެއްކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
އަދި ކުރިޔަށް އޮތްތަނުގައިވެސް މިހާރެކޭ އެއްގޮތަށް ޗައިނާއިން ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިހާރަށްވުރެ ބޮޑަށް ދެގައުމުން ގުޅިގެން ކުޅިވަރު ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.