ރާއްޖޭން ކުރިޔަށް އޮތް 15 ވަރަކަށް އަހަރުގެތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކުޅިވަރުގެ އަމާޒުތައް، ޗައިނާ ސަރުކާރުގެ އެއްބާރުލުމާއެކު ހާސިލުވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަޒީރު ރާފިއު މިހެން ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ގިނަ އަދަދެއްގެ ކުޅިވަރު ސާމާނާ ހަވާލުވެވަޑައިގެން އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ކުޅިވަރު ވަޒީރު ވިދާޅުވީ ރާއްޖޭގެ ސްޕޯޓްސް ޑިވެލޮޕްމެންޓް ޕްލޭންގެދަށުން އުންމީދަކީ އޭޝިއަން ގޭމްސް ނުވަތަ އޮލިމްޕިކްސް ކުޅިވަރު މުބާރާތުން ރާއްޖޭއަށް މަތީ ވަނަތަކެއް ގެނައުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެއް އަމާޒަކީ މޯލްޑިވްސް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން އޭޝިއަން ގޭމްސްގައި ނުވަތަ އޮލިމްޕިކްސްގައި 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގައި ޕޯޑިއަމް ފިނިޝިންއެއް ހޯދުން. މިފަދަ ލަނޑުދަނޑިއެއް ހާސިލުކުރުމަށް ޗައިނާއިން ރާއްޖެއަށް އެހީތެރިވެދެވޭނެކަން ޔަގީން. ސަބަބަކީ މި ކުޅިވަރުތަކުގައި އެމީހުންގެ ވަރުގަދަކަން މިވަނީ އެތައް ފަހަރަކު ސާބިތުކޮށްދީފަ" ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކުރެއްވުމަށް ޗައިނާ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، ޗައިނާގެ އެހީތެރިކަމާއެކު ސަރުކާރުގެ ޓައިމްލައިނާއި އެއްގޮތަށް ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން ރާއްޖެއަށް ހާސިލު ކުރަން ބޭނުންވާ މަތީ ވަނަތައް ހާސިލް ކުރެވޭނެކަން ޔަގީން ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދު ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުން ވަނީ ފުޓްބޯޅަ އާއި އެތުލެޓިކްސް އަދި ޓޭބަލްޓެނިހުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޗިންހުއާއެވެ. ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ކުޅީވަރާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.
މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ވަޒީރު ވިދާޅުވީ ޗައިނާއަކީ ހަމައެކަނި ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާ ކުރާ ޤައުމެއް ނޫން ކަމަށާއި، ޗައިނާއަކީ ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގައިވެސް ވަރަށް ބޮޑަށް އެއްބާރުލުމެއްދޭ ގައުމެއް ކަމަށެވެ. އަދި މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގައި އެގައުމުން ދޭ އެހީތެރިކަމާއި އެއްބާރުލުން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ޗައިނާގެ ތަޖުރިބާކާރުންގެ އެހީގައި އެކި ކުޅިވަރުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ކޯޗުންނަށް ތަމްރީނު ދެވެމުން އަންނަކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ދާދިފަހުންވެސް ޗައިނާއިން ރާއްޖޭގެ 20 ވޮލީ ބޯޅަ ކޯޗުން ތަމްރީނުކޮށްދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުންތައް އިތުރަށް ބަދަހިވެ ވަކިން ހާއްސަކޮށް ކުޅިވަރުގެ ދާއިރާއިން މިހާރަށްވުރެ ބޮޑަށް ދެގައުމުން ގުޅިގެން އެއްބާރުލުންދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ޗައިނާއާއި މެދު ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި، ރާއްޖެއާއިއެކު ދަމަހައްޓަމުން އަންނަ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ.