ފަލަސްޠީނުގެ ޣައްޒާއަށް ވެއްދުނު އެހީގެ މަދު ބާވަތްތައް، އެތަނުގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންގެ ތެރެއިން އެންމެ ހާލުގައި ތިބި މީހުންނަށް ފޯރުކޮށްދެމުންދާ ކަމަށް ފަލަސްޠީނުގެ އޮފިޝަލުން ބުނެފިއެވެ.
ކާބޯތަކެއްޗާއި އިންސާނީ އެހީގެ ކުޑަ މިންވަރެއް ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ދީފައި މި ވަނީ 11 ހަފުތާއަށް ފަހުއެވެ.
ކަރީމް އަބޫ ސާލިމް ސަރަޙައްދީ ހުރަހުން ޣައްޒާއަށް އެތެރެ ކޮށްފައިވާ ގާތްގަނޑަކަށް 100 އެއްހާ ލޮރީތަކުގައި ހުރީ ގޮދަންފުށާއި، ތުއްތުކުދިންގެ ކާނާއާއި ބޭސްފަރުވާގެ ބައެއް ސާމާނެވެ.
އދގެ އިދާރާއެއް ކަމުގައިވާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ޣައްޒާއަށް ވައްދާފައިވާ ކާބޯތަކެތި، އެ ސަހަރުގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ޢާންމު ބަދިގެތަކާއި، ޕާން ފިހާ ބޭކަރީތަކަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނުގެ އިތުރުން ބޭހާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. އަދި، ޖަނަރޭޓަރުތަކާއި އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް އޮތީ ހުރަސް އަޅާފައެވެ.
ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ޣައްޒާގައި ހުންނަ ފަލަސްތީނުގެ ނޮން ގަވަރމަންޓަލް އޮގަނައިޒޭޝަންސް ނެޓްވޯކްގެ ޑިރެކްޓަރު އަމްޖަދު އަލް ޝަވާ ވިދާޅުވީ، ޣައްޒާއަށް ޙަމަލާ ދިނުމުގެ އެއްބަސްވުމަށް ޢަމަލުކުރަމުންދިޔައިރު، އެތަނަށް ދުވާލެއްގެ މައްޗަށް 600 ލޮރީޣެ އެހީ ވައްދަން ޖެހުނު ކަމަށެވެ.
އެހެންކަމުން، ޣައްޒާއަށް ވެއްދުނު އެންމެ 100 ލޮރީގައި ހުރި ސާމާނުން ބޭނުންވާ މިންވަރާ ގާތަށް ވެސް ރައްޔިތުންނަށް އެހީ ފޯރުކޮށްނުދެވޭނެ ކަމަށެވެ.
ރެޑް ކްރޮސްއިން ބުނީ، ރަފަޙްގައި ހުންނަ ވަގުތީ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސިއްޙީ ސާމާނު ހިފައިގެން ވަން އެއް ލޮރީގެ ސާމާނު ލިބިފައިވާ ކަމަށެވެ.
އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އެހީ ވެއްދުނު މިންވަރުން ނުފުދޭނެ ކަމަށާއި، ޣައްޒާގައި މިހާރު އޮތް ނިކަމެތި ޙާލަތާ ބައްދަލު އަދަދަކަށް އެހީ ވެއްދޭނެ މަގު ފަހިވާންޖެހޭ ކަމަށެވެ.
ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ކައިރީގައި މިހާރު ވެސް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ 9,000އަށްވުރެ ގިނަ ލޮރީ ހުއްޓުވާފައި އެބައޮތެވެ. ރެނާ ވިދާޅުވީ، އެ ތަކެތި ޣައްޒާއަށް އެތެރެކޮށް، ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ފޯރުކޮށްނުދެވިއްޖެ ނަމަ، ޣައްޒާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ބަނޑަށްޖެހުމުގެ ނުރައްކާ އޮތް ކަމުގައެވެ.
ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެ މީހުން މިހާރު ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތާ ޙަވާލުވުމަށް އެމެރިކާއިން ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދާފައެވެ. މި ހިނގާ މޭ މަހުގެ ފަހުކޮޅު، ޣައްޒާގައި އެހީ ބެހުމުގެ ހުރިހާ މަސައްކަތާ ޙަވާލުވުމަށް އެ ޖަމުޢިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.
އެމެރިކާއާއި ގުޅިގެން ޔަހޫދީން ރާވާފައި އޮތީ ޣައްޒާގައި ބޮޑު ހަ ކޭމްޕު ނުވަތަ ޖަލު ޤާއިމު ކުރުމަށެވެ. އަދި، ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ޖަލުތަކަށް މަޖުބޫރުން ބަދަލު ކުރުމަށެވެ. އެއިން ކޮންމެ ޖަލަކަށް 5,000އާއި 6,000އާ ދެމެދުގެ އަދަދެއްގެ ޢާއިލާތައް ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. އެ ޖަލުތަކުގެ ކޮންޓުރޯލު އޮންނާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ ކިބައިގައެވެ. އަދި، ޣައްޒާގައި އެކި ސަރަޙައްދުތަކުގައި އެހީ ބެހުމަށް ޚާއްޞަ ކޮށްފައިވާ މަރުކަޒުތަކެއް ޔަހޫދީ ފައުޖުން ޤާއިމު ކުރާނެއެވެ. އެ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކުރުމަށް ނިންމާފައި އޮތީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ.
އެހީގެ ކުޑަ މިންވަރެއް އެތެރެ ކުރުމުގެ ފުރުޞަތު ދިން ނަމަވެސް، ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 93އަށް އުފުލިފައިވާ ކަމުގައެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ދަޔިރް އަލް-ބަލަޙާއި ޣައްޒާ ސިޓީއަށެވެ.