ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގެ ލީގު ބުރުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށާއި، އެ މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބުން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ.
ބުދަ ދުވަހުގެރޭ މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 2-2 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ސޮބާހު ބުނީ މެޗުން ނުކުތީ ބޭނުންވި ނަތީޖާ ނޫންކަމަށާ، އެއްމެޗާ އަނެއްމެޗާ ދޭތެރޭ ޕްރެކްޓިސްތައް ކުރިއަށްގެންދަން ވަގުތު ނުލިބުމަކީ މިފަދަ ނަތީޖާއެއް ނުކުތުމަށް ދިމާވާ މައިގަނޑު ސަބަބުކަމަށެވެ. މީގެ އިތުރުން މެޗުތައް ގާތްގާތުގައި ކުޅެން ޖެހުމުން އެކަށީގެންވާ ވަރަށް ރެސްޓު ނުލިބުމާ، އަނިޔާގެ މައްސަލަތައްވެސް ދިމާވެފައިވާކަމަށް އޭނާ ހާމަކުރިއެވެ.
"މީދެން ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން ބޭނުންވި ނަތީޖާއެއް ނޫން. މީގަ ދެން ކުރިން ދުވަހުވެސް ވާހަކަދެކެވުނު ކަންނޭންގެ ވަރަށް އަވަސް އަވަހަށް މެޗުތައް ކުޅެމުން މިއަންނަނީ. ދެން ހަމަ އިންޖަރީތައް ބައިވަރު އައި. ރަނގަޅު ޕްރެކްޓިސްތަކެއް ނުކުރެވި" ސޮބާހު ބުންޏެވެ.
އަނިޔާގެ މައްސަލަތަކާ ހުރެ ނިއުރޭޑިއަންޓުގެ މުހިންމު ކުޅުންތެރިންތަކަކަށް ކުޅުން ނުދެއްކުންކަން ފާހަގަކުރަމުން ސޮބާހު ބުނީ ނިއުރޭޑިއަންޓުގެ ޕީކޭވެސް ބަލިވުމާ ގުޅިގެން މެޗަށް ނޭރުމުން އެކަންވެސް ޓީމުގެ ކުޅުމުން ދެއްކިކަމަށެވެ. ސޮބާހު ބުނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިން ތިބީ ވަރުބަލިވެފަކަމަށާ، އަނިޔާގެ މައްސަލަތަކަކީވެސް ނިއުރޭޑިއަންޓުގެ ކުޅުން ނުދެއްކުނު ސަބަބެއްކަމަށެވެ.
"އެހެންނަމަވެސް މިއީ ކޮންމެހެން އެކްސްކިއުޒެއް ނޫން. މެޗަށް އައި އިރުވެސް މިއޮތީ ސެމީ ފައިނަލުގަ. އެހެންނަމަވެސް ނަތީޖާއަކީ މިމެޗުގެ އަޅުގަނޑުމެންނަށް ކުރިއަށް އޮންނަ މެޗަށް އިފެކްޓުކުރާނެ އެއްޗެއް" ސޮބާހު ބުނެފަވެއެވެ.
ކޮންމެ މެޗެއްގެ ނަތީޖާވެސް މުހިންމުކަމަށާ، ކޮންމެ މެޗަކުންވެސް ކާމިޔާބު ހޯދުން މުހިންމުކަމަށް އޭނާ ފާހަގަކުރިއެވެ. މެޗުގެ ނަތީޖާއަކީ ކުޅުންތެރިންގެ ކޮންފިޑެންސްއާ މޯރަލްއަށް އަސަރުކުރާނެކަމެއްކަމަށާ އެހެންނަމަވެސް މަހިބަދޫއާ ދެކޮޅަށް ކުޅެ ނުކުތް ނަތީޖާއާ ދޭތެރޭ އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭކަމަށް ސޮބާހު ބުނެފަވެއެވެ.
ނިއުރޭޑިއަންޓުން ޕްލޭންކުރި ގޮތަށް މެޗުގެ ކަންކަން ނުދިޔަކަމަށާ، އިދިކޮޅުން ނުކުތް މަހިބަދޫއިން އެމެޗުގައި ދެއްކީ ތަފާތު ކުޅުމެއްކަމަށް ސޮބާހު ފާހަގަކުރިއެވެ.
"ބޭނުންވި ގޮތަކަށް ނޫން ދިޔައި. އެހެންވީމަ ގޭމުގަ އުނދަގޫތަކެއް ކުރިމަތިވި. އަދި ފާހަގަކޮށްލަން މަހިބަދޫ ހަމަ މީގެން އެއްވެސް މެޗަކަށްވުރެ މޮޅަށް ކުޅުނު. އެކަން ފާހަގަކޮށްލަން" މަހިބަދޫގެ ކުޅުމާ ގުޅޭގޮތުން ސޮބާހު ބުނެފަވެއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުރިއަށް މިއޮތް އާދިއްތަ ދުވަހުގެރޭ 09:00 ގައެވެ. މިއީ މި މުބާރާތުގައި މި ދެޓީމުގެ ދެވަނަ ކުރިމަތިލުމެވެ. ލީގު ބުރުގަ މިދެޓީމު ވާދަކުރި މެޗު 2-0 ކާމިޔާބުކޮށްފަވަނީ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބުންނެވެ.