މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އަދި ޝަރަފުވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ، އެމެރިކާގެ ހާވަރޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ފުރުޞަތު ދެވެން އޮންނަ މަގު، ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ބަންދުކޮށްފިއެވެ.
އެމެރިކާގެ ދާޚިލީ ވަޒީރު ކްރިސްޓީ ނޯއެމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އަހަރާއި އަންނަ އަހަރަށް، ހާވަރޑް ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން ވެއްދުމަށް ބޭނުންވާ ސްޓޫޑެންޓް އެންޑް ވިޒިޓަރ އެކްސްޗޭން ޕްރޮގްރާމް ސެޓިފިކޭޝަން ބާތިލުކޮށްފައިވާ ކަމަށެވެ.
ނޯއެމްގެ އެ ބަޔާނުގައި ވަނީ، ޗައިނާގައި ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީ އާ ގުޅިގެން ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ ޢަމަލުތައް ހާވަރޑުން ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
ހާވަރޑުން ބުނީ އެ ޔުނިވަރސިޓީގައި ކިޔަމުންދާ އެތަކެއް ހާސް ދަރިވަރުންގެ ހައްޤުތައް ގެއްލޭގޮތަށް، މައި ސަރުކާރުން މި އެޅި ޤާނޫނާ ޚިލާފު ފިޔަވަޅާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.
މި ފިޔަވަޅު އަޅާފައިވަނީ، ހާވަރޑްގައި ކިޔަމުންދާ ބައެއް ބޭރުގެ ދަރިވަރުންތަކަކާ ގުޅޭ ޒާތީ މަޢުލޫމާތުތަކެއް ދޭން އެ ޔުނިވަރސިޓީން ދެކޮޅު ހެދުމުންނެވެ.
ހާވަރޑް ޔުނިވަރސިޓީން މިދިޔަ އަހަރާއި މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ވަނީ 6،800 ބޭރުގެ ދަރިވަރުންނަށް ތަޢުލީމު ހާޞިލްކުރުމުގެ ފުރުޞަތު ދީފައެވެ. އެއީ އެތަނުގައި ކިޔަމުންދާ ދަރިވަރުންގެ 27 އިންސައްތައެވެ.
އޭގެތެރެއިން އެންމެ ގިނައީ ޗައިނާގެ ދަރިވަރުންނެވެ. މިގޮތުން، މިވަގުތު ވެސް ހާވަރޑްގައި 1،000 އަށް ވުރެ ގިނަ ޗައިނާގެ ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ދެން އެންމެ ގިނައީ ކެނެޑާ، އިންޑިޔާ، ދެކުނު ކޮރެޔާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އޮސްޓްރޭލިޔާ، ސިންގަޕޫރު އަދި ޖަޕާނުގެ ދަރިވަރުން ކަމަށް ހާވަރޑްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހާވަރޑަށް ނޯއެމް ފޮނުއްވި ސިޓީއެއްގައި ވަނީ، ދާޚިލީ ވުޒާރާއިން އެދުނު މަޢުލޫމާތުތައް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ދީފިނަމަ، ހުއްދަ ބާތިލުކުރި ނިންމުން އަނބުރާ ގެންދާނެކަމަށް ވެސް ވިދާޅުވެފައެވެ.
އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެން، ޓްރަމްޕް ގެންދަވަނީ އެމެރިކާގެ މައި ޔުނިވަރސިޓީތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިގޮތުން، ހާވަރޑްގައި ޔަހޫދީންނާ ދެކޮޅަށް ނަފްރަތު އުފެއްދުމާއި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ތާޢީދުކުރާ މީހުންނަށް ވަޒީފާ އާއި ފުރުޞަތުތައް ދޭކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތުކުރައްވައިފައެވެ.
އެ ތުހުމަތުތަކާ އެކު، އެމެރިކާގެ މައި ސަރުކާރުން ވަނީ ހާވަރޑަށް ދޭ ތިން ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މާލީ އެހީ ދިނުން ވެސް ހުއްޓާލައިފައެވެ.
އެ މައްސަލަ ހާވަރޑުން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފައެވެ.