ޚަބަރު

ޙައްޖަށް މީހުން ފުރާ ދުވަސްތަކުގަ އެއަރޕޯޓް ސަރަހައްދު ބާރުބޮޑުވާނެތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ


  • ރާއްޖެއިން ޙައްޖަށް މީހުން ފުރާނީ، ހޯމަ، އަންގާރަ، ބުރާސްފަތި އަފި ހުކުރު ދުވަހު

  • އުޅަނދުތައް ދުއްވާ މީހުންނާ ފުރުވަން ދާ މީހުންވެސް އިރުޝާދުތަކަށް ސަމާލްވާން ވަނީ އެދިފައި

ޙައްޖުވެރިން ފުރާ ދުވަސްތަކުގައި އެއަރޕޯޓް ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވާނެތީ އެދުވަސްތަކުގައި ފުލުހުންގެ އިރުޝާދަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވަފިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން މީހުން ފުރުމަށް ހަމަޖެހިފަވަނީ އަންނަ ހަފްތާގެ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ. އެއީ މިމަހުގެ 26، 27، 29 އަދި 30 މި 4 ދުވަހުއެވެ.

ފުލުހުން ވިދާޅުވީ އެދުވަސްތަކުގައި އެދުވަސްތަކުގައި އެއަރޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށް އެދުވަސްތަކުގައި އިތުރު ފުލުހުން އެއަރޕޯޓްގައި ހަރަކާތްތެރިވަމުންދާނެކަމަށެވެ. އަދި ހަމަ އެއަރޕޯޓުން ފުރާ އެހެން މީހުންނަށްވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު، އެދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލާ އެއަރޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހައްޖުވެރިންނާއެކު އެއަރޕޯޓަށް ދާ މީހުންނާއި ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންވެސް ފުލުހުންގެ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. 4 ދުވަހަށް ބަހާލައިގެން ރާއްޖެއިން މީހުން ޙައްޖަށް ފުރުމަށް ހަމަޖެހިފަވާއިރު، 1000 މީހުން ޙައްޖުގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް ދާނެއެވެ.