ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން މިއަދު ހަވީރު ޚާއްސަ ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އުފެއްދުންތެރިކަމުގެ މައުރަޒަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މައުރަޒެވެ.
ތިން ހާހަށްވުރެ ގިނަ އުފެއްދުމާއެކު ހުކުރު ދުވަހު ފަށާފައިވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަދު ހަވީރު ޚާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ. މިގޮތުން ކުޑަކުދިންނަށް ބައިވެރިވެވޭ އެކި ކުޅިވަރުތަކާއެކު މިއަދު ހަވީރު ހާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ، މިއަދުގެ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ޝައުގުވެރިވާނެ އެކި ކުޅިވަރުތައް އޮންނާނެކަމަށެވެ. މިގޮތުން އެންޓަޓެއިންމަންޓް ޑިސްޓްރިކްޓްގައި އެކި އުމުރުފުރައިގެ ކުދިން ޝައުގުވެރިވާ އެކި ކުޅިވަރުތަކާއި، ވީޑިއޯ ގޭމްސްތަކަށް ޚާއްސަ ޒޯނެއްވެސް އޮންނާނެކަމަށެވެ. ހަމައެއާއެކު ކުޑަކުދިންގެ މެދުގައި މަޤުބޫލު ރޮބޯމޭންވެސް މިއަދު ހަވީރު މައުރަޒުގައި ކުދިންނާއި ބައްދަލުކުރާނެކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ، އެކި ހަރަކާތްތައް އެއް މައުރަޒެއްގެ ތެރެއިން ފެނިގެންދާނެ މިމައުރަޒުގައި މިރޭ، ބޮޑު ބެރުގެ އެކި ހުށައެޅުންތައްވެސް އޮންނާނެކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު މައުރަޒުގައި މާކެޓް ޕްލޭސްއެއް ޤާއިމުކޮށްފައިވާއިރު، މިމަކެޓް ޕްލޭސްގައި އެކި ބާވަތުގެ ތަކެތި ވިއްކޭނެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ކާބޯތަކެތީގެ އެކި ރަހަތައް މިމައުރަޒުގެ ތެރޭގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު އޮތްކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. މިގޮތުން ރާއްޖޭގެ ދެކުނުން ފުވައްމުލަކަށް ޚާއްސަ ބާބާ ގާޑިއާވެސްވަނީ މިމައުރަޒުގައި ބައިވެރިވެފައެވެ.
މިމަހުގެ 23 އިން 31 ހުގެ ނިޔަލަށް ކުރިއަށްގެންދާ މިމައުރަޒުގައި ދިވެހި އެކި އުފެއްދުންތައްވަނީ ދައްކާލާފައެވެ. މާލެއާއި އަތޮޅުތަކުގެ ރަށްރަށުންވެސްވަނީ އެކި އުފެއްދުންތައް މައުރަޒުގައި ބައިވެރިކޮށްފައެވެ.