ޚަބަރު

ވިލާތުގެ އިއްތިޙާދާއި އެޕަލް ކުންފުނިން ބޮޑެތި ޓެރިފްތައް ނަންގަވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން ވިލާތުގެ އިއްތިޙާދުގެ އުފެއްދުންތަކުން 50 އިންސައްތައިގެ ޓެރިފެއް ނަންގަވާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ. އޭގެ އިތުރުން އެޕަލް ކުންފުންނިން އެމެރިކާއަށް އެތެރެކޮށް ވިއްކާ އައިފޯނުން 25 އިންސައްތައިގެ ޓެރިފެއް ނެގުމަށް ނިންމަވާނެ ކަމުގެ އިންޒާރު ވެސް އެ މަނިކުފާނު ވަނީ ދެއްވައިފައވެެ.

މީސްމީިޑިޔާ މެދުވެރިކޮށް ދެއްވި މި އިންޒާރުތަކުގެ ސަބަބަުން ދުނިޔޭގެ މާލީ ބާޒާރުތަކަށް ވަނީ އަނެއްކާ ވެސް ލޮޅުމެއް އައިސްފައެވެ. މާލީ ބާޒާރުތަކަށް މި ފަދަ ލޮޅުމެއް އައިސްފައި މި ވަނީ މީގެ ހަފްތާތަކެއް ކުރިން ޓްރަމްޕް އިޢުލާނު ކުރެއްވި ޓެރިފްތަކާ ގުޅިގެން އުފެދުނު ތޫފާން މަޑުޖެހުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އައު އިންޒާރުތަކުގެ ސަބަބުން ވިލާތާއި އެެމެރިކާގެ ޙިއްޞާގެ ބާޒާރުގެ އަގުތައް ދަށަށް ދިޔުމުގެ އިތުރުން އެމެރިކާ ޑޮލަރުގެ އަގު ވެސް ވަނީ ދަށަށް ގޮސްފައެވެ. އޭގެ ބަދަލުގައި، ނުތަނަވަސް ޙާލަތްތަކުގައި އިންވެސްޓަރުންގެ މެދުގައި އެންމެ މަޤުބޫލު މައުދަން ކަމުގައިވާ ރަނުގެ އަގު ވަނީ އުފުލިފައެވެ. ޓެރިފްތަކުގެ ސަބަބުން އިޤްތިޞާދަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ބެލެވޭތީ އެމެރިކާގެ ސަރުކާރުން ދޫކޮށްފައިވާ ބޮންޑަށް ލިބޭ ބަދަލު ވެސް ވަނީ ދަށަށް ގޮސްފައެވެ.

ވިލާތުގެ އިއްތިޙާދުގެ އުފެއްދުންތަކުން ޓެެރިފް ނެގުމަށް ޓްރަމަޕް ހުށަހަޅުއްވާފައި ވަނީ އެ އިއްތިޙާދާއި އެމެރިކާއާ ދެމެދު ކުރަމުންދާ ވިޔަފާރިއާ ގުޅޭ މަޝްވަރާތަކުގައި އެދެވޭ ކުރިއެރުންތަކެއް ލިބެން ނުދާ ކަމަށް އެމެރިކާގެ ސަރުކާރުން ދެކޭތީއެވެ. ޓްރަމްޕްގެ އަައު އިންޒާރުތަކާއެކު އޭޕްރިލް މަހު އެ މަނިކުފާނު ފެއްޓެވި ވިޔަފާރީގެ ހަނގުރާމައަށް އަނބުރާ ރުޖޫޢަވުން އެކަށީގެންވާ ކަން ދޭހަ ކޮށްދެެއެވެ. އެ ފަދަ ނިންމުންތަކުގެ ސަބަބުން މާލީ ބާޒާރުތަކާއި ވިޔަފާރިތަކުގެ އިތުރުން ތަކެތި ގަންނަ ފަރާތްތަކަށް ވެސް ދަނީ ނޭދެވޭ އަސަރުތައް ކުރަމުންނެވެ. އަދި އިޤްތިޞާދުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އެޕަލް ކުންފުންޏަށް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނީ އެ ކުންފުނީގެ އުފެއްދުންތައް ސީދާ އެމެރިކާގައި އުފެއްދުމަށް ބާރު އެޅުމުގެ ގޮތުންނެވެ. މީގެ ކުރިން ބައެއް ކާރު އުފައްދާ ކުންފުނިތަކާއި ބޭސް އުފައްދާ ކުންފިނުތަކުގެ އިތުރުން ކޮމްޕިޔުޓަރު ޗިޕު އުފައްދާ ކުންފުނިތަކާމެދު ވެސް މި ގޮތަށް ޓްރަމްޕް ޢަމަލު ކުރައްވާފައިވެއެވެ. ނަމަވެސް، އެމެރިކާގެ ރައްޔިތުން އަހަރަކު 60 މިލިޔަނަށްވުރެ ގިނަ ސްމާޓް ފޯނު ގަންނަ އިރު ވެސް، ފުޅާ ދާއިރާއެއްގައި ސްމާޓް ފޯނު އުފެއްދޭނެ ފަދަ ކާރުޚާނާތައް އެމެރިކާގައި ނުހުރެެއެވެ. އެހެންކަމުން ޗައިނާފަދަ ޤައުމުތަކުގައި ފޯނު އުފެއްދުމުގެ ބަދަލުގައި އެމެރިކާއަށް އެ މަސައްކަތް ބަދަލު ކޮށްފި ނަމަ ފޯނު އުފެއްދުމަށް ހިނގާ ޚަރަދު ބޮޑު ތަނުން އިތުރުވާނެއެވެ. އެއާއެކު ފޯނު ވިއްކާ އަގު ވެސް ބޮޑު ޢަދަދަކުން އިތުރުވެގެން ދާނެއެވެ.

ޓްރަމްޕް ފަހުން ވިދާޅުވީ އެޕަލްގެ އުފެއްދުންތަކުން ނެގުމަށް ހުށަހަޅާފައިވާ ޓެރިފް ސެމްސަންގގެ އިތުރުން އެޕަލްގެ އުފެއްދުންތަކާ އެއްފަދަ އުފެއްދުންތައް އުފައްދާ އެހެން ކުންފުނިތަކުން ވެސް ނަންގަވާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ޓްރަމްޕް ދެންނެވީ ސްމާޓް ފޯނު އުފައްދާ ކުންފުނިތަކުން ޓެރިފް ނަންގަވާނެ ވާހަކައެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ ޖޫން މަސް ނިމެންވާއިރަށް އެ ޓެރިފް ތަޢާރަފް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ޓްރަމްޕް ވަނީ ވިލާތުގެ އިއްތިޙާދުން އެމެރިކާއާމެދު ޢަމަލު ކުރަނީ އިހާނެތިކޮށް ކަމަށް އެ މަނިކުފާފު ކުރައްވާ ތުހުމަތު ތަކުރާރު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ ވިލާތުގެ އިއްތިހާދުން އެމެރިކާގައި އުފައްދާ ކާރު އެ ސަރަޙައްދުގައި ވިއްކުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. އެހެންކަމުން މިއީ ވިލާތުގެ އިއްތިހާދުން ފެށި ކުޅިވަރު ޓްރަމްޕަށް އެނގިވަޑައިގަންނަވާ ގޮތަށް ކުޅުއްވަންވީ ވަގުތު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ޖޫން މަސް ނިމުމުގެ ކުރިން އެޕަލްފަދަ ކުންފުނިތަކާއެކު އެއްބަސްވުމެއް ޤާއިމު ކުރެއްވުމަށް ނޫން ކަމަށެވެ. މިހާރު ވެސް ޓެރިފް ނަގާނީ 50 އިންސައްތައަށް ކަމަށް ނިންމަވާފައިވާ ކަމަށް ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެ ޓެރިފް ނުނަގާނެ ގޮތަކީ އެ ކުންފުނިތަކުގެ ކާރުޚާނާތައް އެމެރިކާގައި ބިނާ ކުރުން ކަމަށެވެ.

ވިލާތުގެ އިއްތިޙާދުގެ ވިޔަފާރިއާބެހޭ އިސްވެރިޔާ، މާރޯސް ސެފްކޯވިކް ވިދާޅުވީ ޔޫރަޕިއަން ކޮމިޝަނުން ދެ ފަރާތަށް ފައިދާހުރި އެއްބަސްވުމަކާ ހަމައަށް އައުމަށް މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ. ވިލާތުގެ އިއްތިޙާދާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ބައްޓަން ކުރަން ޖެހޭނީ އިޚްތިރާމްގެ މައްޗަށް ބިނާކޮށް ކަމަށާއި އިންޒާރު ދިނުމުގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ދުނިޔޭގެ ގިނަ ޤައުމުތަކާ ދެކޮޅަށް ޓްރަމްޕް އިޢުލާނު ކުރެއްވި ބޮޑެތި ޓެރިފްތައް ތަންފީޒު ކުރުން ވައިޓް ހައުސުން މަޑުޖައްސާލީ އެމެރިކާ ސަރުކާރުގެ ބޮންޑާއި އެމެރިކާ ޑޮލަރު ހިމެނޭ ގޮތަށް އެމެރިކާގެ ހަރުމުދާ އިންވެސްޓަރުން ވިއްކަން ފެށުމުންނެވެ. އޭގެ ބަދަލުގައި ޓްރަަމްޕް ވަނީ އެމެރިކާއަށް އެތެރެކުރާ ގާތްގަނޑަކަށް ހުރިހާ މުދަލަކުން 10 އިންސައްތައިގެ ބޭސްލައިން ޓެކްސްއެއް ނެގުމަށް ނިންމަވާފައެވެ. އޭގެ އިތުރުން، ޗައިނާއިން އެތެރެކުރާ މުދަލުން ނެގުމަށް ނިންމެވި 145 އިންސައްތައިގެ ޓެކްސް ފަހުން ވަނީ 30 އިންސައްތައަށް ކުޑަ ކުރައްވައިފައެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދުގެ އުފެއްދުންތަކުން 50 އިންސައްތައިގެ ޓެރިފެއް ނަގާނަމަ ގިނަ ބާވަތްތަކެއްްގެ އަގު އުފުލިގެން ދާނެ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވިލާތުގެ އިއްތިޙާދުން ވަނީ 500 ބިލިއަން ޔޫރޯގެ މުދާ އެމެރިކާއަށް އެތެރެ ކޮށްފައެވެ. 161 ބިލިޔަން ޔޫރޯގެ މުދަލާއެކު އެންމެ ގިނަ ޢަދަދެއްގެ މުދާ އެތެރެ ކޮށްފައި ވަނީ ޖަރުމަނުވިލާތުންނެވެ. އެއަށްފަހު ދެން އެންމެ ގިނަ ޢަދަދަކަށް މުދާ އެތެރެ ކޮށްފައިވަނީ އަޔަލެންޑުންނެވެ. އެއީ 72 ބިލިޔަން ޔޫރޯގެ މުދަލެވެ. ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް މުދާ އެތެރެކޮށްފައި ވަނީ އިޓަލީވިލާތުންނެވެ. އެއީ 65 ބިލިޔަން ޔޫރޯގެ މުދަލެވެ. ވިލާތުގެ ޤައުމުތަކުން އެމެރިކާއަށް އެންމެ ގިނައިން އެތެރެ ކޮޮށްފައި ވަނީ ބޭހާއި ކާރާއި އެއްގަމު އުޅަނދުގެ ބައިތަކާއި ކެމިކަމާއި މަތިންދާބޯޓެވެ.

ވިޔަފާރި މަސްރަހު ދިރާސާ ކުރައްވާ ތަޖުރިބާކާރަކު ވިދާޅުވީ ވިލާތުގެ އިއްތިޙާދަކީ ޓްރަމްޕް އެންމެ ގަޔާވެވަޑައިނުގަންނަވާ ސަރަޙައްދުތަކުގެ ތެރެއިން ސަރަޙައްދެއް ކަމަށެވެ. ވިލާތުގެ އިއްތިޙާދުގެ އިސް ވެރިންނާއި ޓްރަމްޕްއާ ދެމެދު ރަނގަޅު ގުޅުމެއް އޮންނަ ކަމަށް ނުފެންނައިރު، އެމެރިކާއާއި ވިލާތުގެ އިއްތިޙާދާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ކުރާނަމަ އެ ހަނގުރާމައެއް ދިގުލައިގެން ދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.