ކުޅިވަރު

އަންސޫ ފަޓީ ފްރާންސްގެ މޮނާކޯއަށް


ބާސެލޯނާގެ ފޯވާޑް އަންސޫ ފަޓީ ފްރާންސްގެ މޮނާކޯއަށް ވިއްކާލަން ނިންމައިފިއެވެ.

ގިނީއަށް އުފަން އުމުރުން 22 އަހަރުގެ ފޯވާޑް ވިއްކާލަން ބާސެލޯނާއިން ނިންމީ ހަތަރު އަހަރު ވަންދެން އޭނާއަށް ދިނަ ފުރުސަތުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުމުންނެވެ. އަދި ކޯޗު ހަންސީ ފްލިކްވެސް އަންނަ ސީޒަނަށް ތައްޔާރުވާއިރު އޭނާގެ ޕްލޭނުގައި ފަޓީ ނުހިމަނައެވެ.

މިހެންވެ މޮނާކޯއަށް ބަދަލުވުމަށް ކުޅުންތެރިޔާވެސް މިހާރު ވަނީ އެއްބަސްވެފައެވެ. ފަޓީއަށް މި ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބިފައިވަނީ ހައެއްކަ މެޗުގަ އެވެ. ފަޓީ އަކީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާއިން ދޫކޮށްލަން ނިންމި 6 ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައިވާ ކުޅުންތެރިޔާ ވެސް މެ އެވެ.

އޭނާ އަކީ ބާސެލޯނާއިން ވަރަށް ބޮޑަށް އުއްމީދު ކުރި ކުޅުންތެރިއެކެވެ. މި ގޮތުން ލަޔޮނަލް މެސީ އަށް ފަހު އެ ކުލަބުގެ 10 ނަންބަރު ޖާޒީ ދިނީ ވެސް އޭނާ އަށެވެ. ނަމަވެސް 2019 ވަނަ އަހަރު ފުރަތަމަ ޓީމުގައި ކުޅުވަން ފެށި ނަމަވެސް ހުސްވި ސީޒަނުގައި އޭނާ ފޮނުވާލީ އިނގިރޭސި ވިލާތުގެ ބްރައިޓަން އަށެވެ. އެއީ ލޯނު އުސޫލުންންނެވެ. އެ ކުލަބުގައި 19 މެޗުން ދެ ގޯލު ޖެހިއިރު ބާސެލޯނާގައި މިހާތަނަށް 88 މެޗުން ޖެހުނީ 22 ގޯލެވެ.

ގިނީ އަށް އުފަންވި ނަމަވެސް ފަޓީ ނިންމީ ސްޕޭނުގެ ގައުމީ ޓީމަށް ކުޅުމަށެވެ. މި ގޮތުން މިހާތަނަށް ކުޅުނު 10 މެޗުން އޭނާ އަށް ޖެހުނީ އެންމެ ދެ ގޯލެވެ. އެންމެ ފަހުން ގައުމީ ޓީމުން ޖާގަ ލިބުނީ ވެސް 2023 ވަނަ އަހަރު އެވެ.