ރެއާލް މެޑްރިޑުގެ ސަޕޯޓަރުން ނުރޮއި ހިނިތުންވެލުމަށް އެ ޓީމުގެ މިޑްފީލްޑަރު އަދި ކެޕްޓަން ލޫކާ މޮޑްރިޗް އެދިއްޖެއެވެ.
އޭނާ މި ފަދައިން އެދުނީ 13 އަހަރަށް ފަހު ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނާއި އެ ކުލަބުގެ ދަނޑުގައި ކުޅުނު މެޗަށްފަހު ވަދާއީ ސަލާމްކުރަމުންނެވެ.
އުމުރުން 39 އަހަރުގެ މިޑްފީލްޑަރު ވަނީ މި ސީޒަނަށް ފަހު ރެއާލް މެޑްރިޑާ ވަކިވާން ނިންމައިފަ އެވެ. އެއީ ކުލަބުން ވެސް އޭނާގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމުމުންނެވެ. ނަމަވެސް މޮޑްރިޗް ބުނީ ރެއާލްއާ ވަކިވާނީ އަންނަ މަހު ފަށާ ކުލަބު ވޯލްޑްކަޕް ކުޅެދީފައި ކަމަށެވެ.
ސްޕެނިޝް ލީގުގައި މިރޭ ރެއާލް ސޮސިއެޑާޑްއާ ވާދަކުރި މެޗަށް ފަހު ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ކްރޮއޭޝިޔާގެ ކެޕްޓަން ބުނީ ރެއާލްގައި ހޭދަކުރި 13 އަހަރަކީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.
"އެއް ގޮތަކަށް ވެސް ނުރޮއި، ސަބަބަކީ މިކަން (އަހަރެންގެ ވަކިވާނެކަން) މިއޮތީ ނިމިފައި. ދެން ހިނިތުންވެލާ. ސަބަބަކީ މިކަން މިހާރު ނިމިއްޖެ،" މޮޑްރިޗް ބުންޏެވެ.
މޮޑްރިޗް ރެއާލް މެޑްރިޑާ ގުޅުނީ 2012 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޓޮޓްނަމް ހޮޓްސްޕަރ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ރެއާލް އަށް 394 މެޗު ކުޅެދީ 30 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ހުރެގެން ރެއާލް ވަނީ ހަތަރު ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބު ކުރިއެވެ. ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ކޮޕަ ޑެލް ރޭ ތިން ފަހަރު ހޯދި އެވެ. މީގެ އިތުރުން ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލޮންޑީއޯ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
މޮޑްރިޗް ވަކިވުމުގެ ކުރިން ރެއާލްއިން ވަނީ އޭނާގެ ޝަރަފުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވަން ނިންމައިފަ އެވެ. އޭނާގެ އިތުރުން ކޯޗު ކާލޯ އެންޗެލޮޓ ވެސް މި ސީޒަނަށް ފަހު ރެއާލް މެޑްރިޑާ ވަކިވާނެ އެވެ.