ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ހޯދާ މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ޕީއެސްޖީ އިން ފްރެންޗް ކަޕް ކާމިޔާބުކޮށްފައިވަނީ ރާމްސް އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި ޕީއެސްޖީ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ބްރޭޑްލީ ބާކޯލާ ކާމިޔާބުކޮށްދީފައިވާއިރު ތިންވަނަ ލަނޑަކީ އަޝްރަފް ހަކީމީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ތިން ލަނޑުވެސް އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ރޭ ހޯދިއިރު ލީގު ވަންގައި ހަތަރު މެޗު ބާކީ އޮއްވާ އެ ޓީމުން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. އެހެންކަމުން އަންނަ ހޮނިހިރު ދުވަހުގެރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާނާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށްވަނީ ލިބިފަ އެވެ.
މީގެ ކުރިން ލީގު ޗެމްޕިއަންކަމާއި ޑޮމެސްޓިކް ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު އެއް ސީޒަނެއްގައި ކާމިޔާބު ކޮށްފައިވަނީ އެންމެ 10 ކްލަބުންނެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ޕީއެސްޖީ އިން ނިކުންނައިރު އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ނިކުންނާނީ ދެވަނަ ފަހަރަށް އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބު ކުރުމަށެވެ. މީގެ ކުރިން 2015 ވަނަ އަހަރު އޭނާ ވަނީ ބާސެލޯނާ އާއިއެކު އެ ކާމިޔާބީ ހޯދާފަ އެވެ. މިހާތަނަށް އެއް ސީޒަނެއްގައި ތިން މުބާރާތް ދެ ފަހަރު މަތިން ކާމިޔާބުކުރި ހަމައެކަނި ކޯޗަކީ މެންޗެސްޓަރ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގަޑިއޯލާ އެވެ.