ޚަބަރު

މައްކާ ރޫޓުގެ ދަށުން ދިޔަ ފުރަތަމަ ޙައްޖާޖީންނަށް ސަޢުދީން ހޫނު މަރުހަބާއެއް


  • ޙާޖީންނަށް މަރުޙަބާ ދެންނެވުމަށް ސަޢުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަޑައިގެންނެވި

  • ފުރަތަމަ ގްރޫޕުގައި ހިމެނޭ 235 ޙައްޖުވެރިންވަނީ ސަޢުދީއަށް ގޮސްފައި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ފުރަތަމަ ގްރޫޕް ސަޢުދީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ސަޢުދީ އެއަރލައިންސްގެ މިބޯޓު ޖިއްދާ އެއަރޕޯޓުގައި ޖައްސާފައިވަނީ ރާއްޖެ ގަޑިން 9 ޖަހާ އެހާކަންހާއިރެވެ. އެއަރޕޯޓުން ކޮންމެ ޙާޖީއަކަށް ފިނިފެންމަލަކާއި ކުޑައެއްވަނީ ހަދިޔާކޮށްފައެވެ.

ޙައްޖާޖީންގެ ފުރަތަމަ ގްރޫޕަށް މަރުޙަބާ ދެންނެވުމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުވަނީ އެއަރޕޯޓަށް ވަޑައިގެންފައެވެ.

ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕުގައި ހިމެނެނީ 235 ޙައްޖުވެރިންނެވެ.

ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ސަޢުދީ ސަރުކާރާއެކު ކުރެއްވި މަސައްކަތުން، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނާ، މިފަހަރު ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެއެވެ. މިއިނީޝިއޭޓިވްގެ ދަށުން، ސަޢުދީގެ އިމިގްރޭޝަނުން ފުރިހަމަ ކުރަންޖެހޭ ކަންކަން ޙައްޖުވެރިންވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ފުރިހަމަކޮށްފައެވެ.

ރާއްޖެއިން ޙައްޖަށް ދިޔުމަށް ފުރާ ދެވަނަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ތިންވަނަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ފަހު ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހުއެވެ.