ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ އައު ހުށަހެޅުމަކަށް ޙަމާސް ޖަމާޢަތުން ރުހުން ދީފައިވާ ކަން ހާމަކޮށްފިއެވެ. މި ކަން ހާމަކޮށްފައި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތާ ގާތް ގުޅުމެއް އޮތް ފަލަސްޠީނުގެ އޮފިޝަލެކެވެ. ނަމަވެސް، ޔަހޫދީން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ.
ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް އައު ހުށަހެޅުމެއް ހުށަހަޅުއްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ކަމުގައި، ނަން ހާމަކޮށްފައި ނުވާ ފަލަސްޠީނުގެ އޮފިޝަލު ބުންޏެވެ. ނަމަވެސް، ވިޓްކޮފް ބުނީ، ޙަމާސުން ރުހުން ދީފައި ވަނީ އޭނާ ހުށަހަޅުއްވާފައިވާ ހުށަހެޅުމަކަށް ނޫން ކަމުގައެވެ.
އައު ހުށަހެޅުމުގެ ދަށުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ދިރިތިބި 10 މީހުން މިނިވަން ކުރުމަށް ޙަމާސުން އެއްބަސްވެފައިވާ ކަމުގައި ފަލަސްޠީނުގެ އޮފިޝަލް ބުންޏެވެ. އަދި، އޭގެ ބަދަލުގައި 70 ދުވަހުގެ މުއްދަތަކަށް ޔަހޫދީ ފައުޖުގެ ޤަތުލުޢާންމު މެދުކަނޑައިލަން ޖެހޭނެ ކަމުގައި ވެސް އެ އޮފިޝަލް ބުންޏެވެ. ނަމަވެސް، ވިޓްކޮފް ވިދާޅުވީ އެއީ އެމެރިކާއިން އެއްވެސް ހާލަތެއްގައި އެއްބަސްވާނެ ފަދަ ހުށަހެޅުމެއް ނޫން ކަމުގައެވެ.
"ހުށަހެޅުމުގައި އޮތީ ދިރިތިބި އަސީރުންގެ ތެރެއިން 10 މީހުން ދެ ބުރެއްގެ މަތިން މިނިވަން ކުރުމަށް އަދި 70 ދުވަހުގެ މުއްދަތަކަށް ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލައި، [ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން] އެ ސަހަރުން ފައިބަން ފެށުމަށް،" ފަލަސްޠީނުގެ އޮފިޝަލް ބުންޏެވެ. އަސީރުން މިނިވަން ކުރުމުގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށް، ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން އެތަކެއް ސަތޭކަ ބަޔަކު މިނިވަން ކުރުން ވެސް އެ ހުށަހެޅުމުގައި ހިމަނާފައިވާ ކަމުގައި އެ އޮފިޝަލް ބުންޏެވެ.
ޖަނަވަރީ 18ވަނަ ދުވަހު ވެސް ޔަހޫދީންނާއި ޙަމާސާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަން ފެށިއެވެ. ނަމަވެސް، މާރިޗު 2ވަނަ ދުވަހު ޣައްޒާގެ ފުރަބަންދު ހަރުކަށި ކުރުމަށް ފަހު މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާފައެވެ. ޙަމާސުން ދިޔައީ އެ އެއްބަސްވުމަށް އިޙުތިރާމު ކުރަމުންނެވެ.
ޣައްޒާގެ ފުރަބަންދު ހަރުކަށި ކުރުމަށް ފަހު ޔަހޫދީ ފައުޖުން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައެވެ. މިއީ، އެ ސަހަރުގެ 2.1 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ހީލަތްތެރި ނިޔަތުގައި ޔަހޫދީން ހިންގާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ސިފަކުރެއެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ، އަދި އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ޣައްޒާއަށް ވެއްދުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 122,000އަށްވުރެ މައްޗަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި އުމޫރުންނެވެ.