ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރުކުރިއަށްދާ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ތެރެއިން ފޯރިގަދަ ދެމުބާރާތެއް ކުރިއަށް އެބަދެއެވެ.
މިމައުރަޒުގައި ކުރިއަށްދާ އެއްމުބާރާތަކީ ތްރީ ވީ ތްރީ އެކްސްޕޯ ޗެލެންޖުގެ ނަމުގައި ކުރިއަށްދާ ބާސްކެޓް ބޯޅަ މުބާރާތެކެވެ. ދެދަންފަޅިއަށް ކުރިއަށްގެންދާ މިމުބާރާތުގައި ދެ ޖިންސު ހިމެނޭހެން 51 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. މިމުބާރާތުގައި ވާދަކުރަމުންދާ އުމުރުފުރާތަކަކީ 12 އަހަރުންދަށާ، 14 އަހަރުންދަށާ އަދި 18 އަހަރުންދަށުގެ އިތުރުން ސީނިއަރ ކެޓެގަރީއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ދުވަހެއްގެ ހަވީރު 04:30 އިން އިރުއޮއްސި 06:00އަށެވެ. އެއަށްފަހު ރޭގަނޑުގެ މެޗުތައް 08:00އިން ފެށިގެން 11:00ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.
މިމުބާރާތާ ގުޅޭގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ފަރާތުން އަހުމަދު އަލާއު އިސްމާއިލް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ "އުފެއްދުންތެރިކަމުގެ މައުރަޒު"ގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ މިއިވެންޓުގެ ތެރެއިން ހުނަރުވެރި އެންމެހާ ފަންނާނުންނަށް ފުރުސަތު ހޯދަދިނުންކަމަށެވެ. އެހެންކަމުން ކުޅިވަރަކީވެސް ހުނަރުވެރިން ގިނަ ދާއިރާއެއްކަމަށާ، އެފަރާތްތަކަށްވެސް މިފަދަ ފުރުސަތުތައް ފަހިކޮށްދޭންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަސްލު ބޭނުންވީ އިވެންޓުތެރެއިން ހަމައެކަނި އެގްޒިބިޓަރސްއެއް ނޫނޭ، ހުރިހާ ހުނަރުވެރި ފަންނުވެރިން ގެންނަން ބޭނުންވީ. އެމީހުންގެ ހުނަރުތައް ދައްކާލަން. އެހެންވެއްޖިއްޔާ ހުނަރުތަކުގެ ވާހަކަދައްކާލާއިރު، ވީ ކާންޓު ނެގްލެޓް ކަންނޭނގެ ސްޕޯޓްސް" އަލާއު ވިދާޅުވިއެވެ.
ތްރީ ވީ ތްރީ އެކްސްޕޯ ޗެލެންޖުގެ ފައިނަލު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުރިއަށްދާ ދެވަނަ މުބާރާތަކީ ވަން ގޭމްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބީޗް ހޭންޑް ބޯލް މުބާރާތެކެވެ. މިމުބާރާތުގައި ދެ ޑިވިޝަނުން ޖުމްލަ 16 ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. މިމުބާރާތް ކުރިއަށްގެންދަނީ "ވަންގޭމް"ގެ ފަރާތުންނެވެ. މިއީ ހޭންޑް ބޯލް މޯލްޑިވްސްގެ ފަރާތުން "ވަންގޭމް"އަށް ދިން ފުރުސަތެއްކަމަށް "ވަންގޭމް"ގެ ފަރާތުން މައުލޫމާތުދެއްވި މުހަންމަދު އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ ބީޗް ހޭންޑް ބޯލްއަކީ މިހާރު ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަރަމުން އަންނަ ކުޅިވަރެއްކަމަށެވެ. މިމުބާރާތުގެ ފޯރި ވަރަށް ގަދަކަމަށާ، މުޅިއަކު ޖުމްލަ 34 މެޗު މިމުބާރާތުން ފެނިގެންދާނެކަމަށް އަރީޝް ވިދާޅުވިއެވެ.
"މީ ވަރަށް ރަނގަޅު ފުރުސަތެއް. މިފަދަ އެކްސްޕޯއެއްގަ އަޅުގަނޑުމެންގެ ބީޗް ހޭންޑް ކޮމިއުނިޓީގެ ހުނަރުދައްކާލަން ލިބުމަކީ. މިކުދިންގެ ވަރަށް ޒުވާން ކުދިން އެކި އުމުރުގެ ކުދިން އެބައުޅޭ. އެހުރިހާ ޕްލެޔާރސްގެ ހުނަރުދައްކާލަން ލިބުނު ވަރަށް ރަނގަޅު ޕްލެޓްފޯމަކަށްވެގެން މިދިޔައީ" އަރީޝް ވިދާޅުވިއެވެ.
މިމުބާރާތުގެ ކޯޗެއްގެ އިތުރުން ކުޅުންތެރިއެއްގެ ގޮތުގައިވެސް ފެނިގެންދާ އަހުމަދު ސައިފް ނައީމް ބުނީ މިފަދަ މުބާރާތްތަކުގައި ބައިވެރިވެ، ކުޅެލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސް ލެވެލް އެއްވަރެއްގައި ހިފެހެއްޓުމަށް ބާރަކަށް ވެގެންދާކަމަށެވެ.
މޯލްޑިވްސް އެކްސްޕޯގައި ކުރިއަށްދާ ހޭންޑް ބޯލް މުބާރާތުގެ ފައިނަލު މެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 31ވަނަ ދުވަހަށެވެ.