ޚަބަރު

ޗެލްސީން ބޭނުންވަނީ ކޮންފަރެންސް ލީގު ކާމިޔާބުކުރަން: މަރެސްކާ


ޗެލްސީގެ އަމާޒަކީ ކުރިއަށް އޮތް ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދުން ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

ޕޮލެންޑްގެ ރޮކްލޯ ގައި މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ސްޕެއިންގެ ރެއާލް ބެޓިސް އާއި ދެކޮޅަށް ޗެލްސީ ނިކުންނައިރު ޕްރިމިއާ ލީގުގެ ފަހު މެޗުގައި ނޮޓިންހަމް ފޮރެސްޓް 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެ ޓީމުން ވަނީ ކުރިއަށް އޮތް ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ކޮންފަރެންސް ލީގުގެ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންޒޯ މަރެސްކާ ބުނެފައިވަނީ މި މުބާރާތް ކާމިޔާބު ކުރުމަކީ އެ ޓީމުގެ އަމާޒެއް ކަމަށާއި އޭރަށް ޓީމަށް އައިސްފައިވާ ކުރިއެރުންތައް އެނގިގެން ދާނެ ކަމަށެވެ.

"އަހަރެން މީގެ ކުރިންވެސް ބުނެފިން އެތަކެއް ފަހަރަކު މިއީ އަހަރެންނަށް ހިތްހަމަޖެހޭ ސީޒަނެއް ކަމަށް. އަދި މި މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އެއީ ވަރަށް ރަގަޅު ނަތީޖާއެއް. ކުރިން އަހަރުމެން ބޭނުންވާ ގަދަ ފަހެއްގައި ހިމެނި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން. އެކަން ހާސިލުކުރެވިއްޖެ." އެންޒޯ މަރެސްކާ ބުންޏެވެ.

"މިހާރު އަހަރުމެންގެ އަމާޒަކީ ބެޓިސް ބަލިކޮށް މި މުބާރާތް ކާމިޔާބު ކުރުން. އޭރަށް އެނގިގެންދާން ޓީމަށް އައިސްފައިވާ ކުރި އެރުން." މަރެސްކާ އިތުރަށް ބުންޏެވެ.

މި ސީޒަނުގައި ޗެލްސީން ގިނަ މެޗުތަކެއް ކާމިޔާބުކޮށްފައިވީ ނަމަވެސް އެ ޓީމަށް މިހާރު އެންމެ މުހިންމީ މިރޭގެ މެޗު ކާމިޔާބުކޮށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށްވެސް އިޓަލީއަށް އުފަން ކޯޗު ވަނީ ބުނެފަ އެވެ.

މަރެސްކާ އިތުރަށް ބުނެފައިވަނީ މި ސީޒަނުގައި ޗެލްސީއަށް ކުޅެމުންދަނީ ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި ނަމަވެސް މިފަދަ މެޗަކަށް ނިކުންނައިރު އެ ކުޅުންތެރިން ތިބީ ހުރިހާ ގޮތަކުންވެސް މި މެޗަށް ތައްޔާރަށް ކަމަށެވެ.

ޗެލްސީން ވަނީ މީގެ ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ކަޕްގެ އިތުރުން ޔޫރަޕިއަން ކަޕް ވިނާރސް ކަޕް ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފިނަމަ ޔޫއެފާ އިން އިންތިޒާމު ކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޓީމަށް ޗެލްސީ ވެގެންދާނެ އެވެ.