ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށް އެ ކުލަބުގައި މަޑުކުރަން ނިންމިއިރު، އޭނާ ވިއްކާލުމަށް ކަނޑައަޅާފައިވާ ފީއަކީ އެއް ބިލިޔަން އެމެރިކާ ޑޮލަރުކަން ހާމަވެއްޖެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އާއިއެކު އުމުރުން 17 އަހަރުގެ ލަމީން ޔަމާލް ސޮއިކުރި އެއްބަސްވުމުގެ މުއްދަތުގައި އޭނާ ގަންނަން އެހެން ކްލަބަކުން ބޭނުންވެއްޖެނަމަ ޓްރާންސްފާ ފީގެ ގޮތުގައި އެއް ބިލިއަން އެމެރިކާ ޑޮލަރު ބާސެލޯނާއަށް ދޭން ޖެހޭނެ އެވެ. މިއީ ސްޕެނިޝް ލަލީގާއިން ޓްރާންސްފާ ފީގެ ގޮތުގައި ކުޅުންތެރިއެއްގެ އެގްރިމެންޓުގައި ހިމެނޭނެ އެންމެ ބޮޑު އަދަދުކަމަށް ނިންމާފައިވާ އަދަދެވެ.
ލަމީން ޔަމާލް ބާސެލޯނާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ ނިޔަލަށެވެ. އެހެންކަމުން އެ އެއްބަސްވުމަށް ހަ އަހަރު އިތުރު ކުރުމާއިއެކު އޭނާ އެ ކްލަބުގައި 2031 ވަނަ އަހަރުގެ ނިޔަލަށް މަޑު ކުރާނެ އެވެ.
2023 ވަނަ އަހަރު އެންމެ 15 އަހަރުގައި ބާސެލޯނާއަށް ފުރަތަމަ ކުޅެން ފެށި ލަމީން ޔަމާލް ވަނީ މި ސީޒަނުގައި އެ ކްލަބަށް ކުޅެދިން 55 މެޗުގައި 18 ލަނޑު ޖަހާ 25 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ލަލީގާގެ ޗެމްޕިއަންކަމުގެ އިތުރުން ސްޕެނިޝް ސުޕަރ ކަޕް އަދި ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ބާސެލޯނާ އާއިއެކު ހޯދާފަ އެވެ.
ބާސެލޯނާ އަށް މިހާތަނަށް ކުޅެދިން 115 މެޗުގައި ޖުމްލަ 25 ލަނޑު ލަމީން ޔަމާލް ޖަހައިދީފައިވާއިރު އޭނާ ވެފައިވަނީ ލަލީގާގެ އިތުރުން ސްޕެނިޝް ސުޕަރ ކަޕާއި ކޮޕާ ޑެލްރޭގައި ބާސެލޯނާއަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ. އަދި އަންނަ ޖުލައި މަހު 18 އަހަރު ފުރޭ ލަމީން ޔަމާލް ވެފައިވަނީ ބާސެލޯނާއަށް 100 މެޗު ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާއަށްވެސް ވެފަ އެވެ.
ލާމީން ޔަމާލް ވަނީ ސްޕެއިންގެ ގައުމީ ޓީމަށް މިހާތަނަށް 19 މެޗު ކުޅެދީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން އިން ހޯދިއިރު އެ ޓީމުގައި ހިމެނިފަ އެވެ.
ބާސެލޯނާގެ ތާރީޚުގައިވެސް އެ ޓީމަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދިން އާޖެންޓީނާގެ ލިއޮނެލް މެސީ ހޯދިފަދަ ކާމިޔާބީތަކެއް ބާސެލޯނާ އާއިއެކު ލަމީން ޔަމާލް ހޯދާނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.