ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން، ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ މުއައްސަސާތަކާ އެކު، "އަމާން އައްސޭރި 2025"ގެ ނަމުގައި ކުރިއަށްގެންދިޔަ ޤައުމީ ހަރަކާތް، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޓޭބަލްޓޮޕް އެކްސަސައިޒެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ދެ ދުވަހުގެ މިހަރަކާތުގައި، ނޭޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެން.ޓީ.އާރް.ޕީ) ޓެސްޓްކޮށްފައިވެއެވެ.
މި އެކްސަސައިޒަކީ، ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާއި ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރާއި، އެފަދަ ޙާލަތެއްގައި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުންދެވޭ މިންވަރު ދެނެގަނެ، ޤާބިލުކަން ހުރި- ނެތް މިންވަރާއި، އެކަންކަން ހަރުދަނާ ކުރަން ނިންމަންޖެހޭ ނިންމުންތައް ދެނެގަތުމަށް ބޭއްވި މުހިންމު އެކްސަސައިޒެކެވެ.
"އަމާން އައްސޭރި 2025" އާއި އެންޓީއާރްޕީ.ގެ އަމާޒަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އަހމިއްޔަތުކަމަށް ޢަމަލީ ސިފަ ގެނެސް، ޤައުމީ ސަލާމަތަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާކުރުންކަމަށް ސަރުކާރުން ވިދާޅުވެ.
މި ހަރަކާތުގައި ސަރުކާރުގެ 11 ވުޒާރާއެއް ތަމްސީލުކުރައްވާ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މިހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި އިސްވެރިން ވަނީ އިސްތިރާޖީ ފެންވަރުގެ މަޝްވަރާތައް ކުރައްވައި، ޢަމަލީ ނަތީޖާ ނެރެވޭ ފަދަ ހުށަހެޅުންތައް ހުށަހަޅުއްވާފައިކަމަަށް ސަރުކާރުން ފާހަގަކުރެވެ.
މޭ މަހުގެ 26 އިން 27 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ހަރަކާތް އިންތިޒާމުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުންނެވެ. މިއީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެވެ. މި ބައިވެރިވުމުން ރަމްޒުކޮށްދެނީ، ރައްކާތެރި، ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ޤައުމުން ހިއްސާކުރާ ޢަޒުމެވެ.