އައިޓީޓީއެފް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގެ ފައިނަލް މެޗުގައި އިންސާފުކުރުމުގެ ޝަރަފު ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) އަމްޕަޔަރު މުޙައްމަދު ޔާމީން ހޯދައިފިއެވެ.
ޔާމީނަށް ފުރުސަތު ލިބިފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ ލުސެއިލް ސްޕޯޓްސް އެރީނާގައި ބޭއްވި އައިޓީޓީއެފް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗަށް އިންސާފުކުރުމަށެވެ. އެ މެޗަކީ އަންހެންޑް ޑަބަލް މެޗެލެކެވެ.
މި މުބާރާތްތަށް އެގި ގައުމުތަކުން 22 އަމްޕަޔަރުން ހޮވިއެވެ. އޭގެ ތެރޭގައި ހިމެނިގެން ޔާމީން ވަނީ މި މުބާރާތް ނިމެންދެން އިންސާފުކުރި ހަތް އަންޕަރުންގެ ތެރޭގައި ހިމެނިފައެވެ.
ޔާމީން އަކީ މިފަދަ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި އިންސާފުކުރި ރާއްޖޭގެ ފުރަތަމަ ޓީޓީ އަންޕަޔަރެވެ. ޔާމީން ވަނީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ދޭ ނޫ ބެޖުވެސް ހާސިލްކޮށްފައެވެ.
ނޫ ބެޖު ހާސިލުކުރުމަށްފަހު ޔާމީން ވަނީ ކަޒަކިސްތާނުގައި ބޭއްވި އޭޝިއާ ޓޭބަލް ޓެނިސް މުބާރާތާއި މިއަހަރުގެ ކުރީކޮޅޫ ޗައިނާގައި ބޭއްވި އޭޝިއަން ކަޕް ޓޭބަލް ޓެނިސް މުބާރާތުގައިވެސް އަމްޕަޔަރެއްގެ ރޯލު އަދާކޮށްފައެވެ.
ޔާމީނަކީ 2017 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި އިންސާފުކޮށްދީފައިވާ ޓީޓީ އަމްޕަޔަރެކެވެ.
ޓެނިސް އަމްޕަޔަރުންނަށް އައިޓީޓީއެފް އިން ދޭ ނޫ ކުލައިގެ ބެޖަކީ ދެވަނަ ލެވެލްގެ އަމްފަޔަރެއްކަން އަންގައިދޭ ބެޖެވެ. އެންމެ މަތީ ލެވެލުގެ އަމްޕަޔަރުންނަކީ ނޫ ބެޖަށްފަހު ދޭ ރަންކުލައިގެ ބެޖު ހާސިލުކުރާ އަމްޕަޔަރުންނެވެ.
ޔާމީނަށް އައިޓީޓީއެފް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގެ ފައިނަލު މެޗަށް އިންސާފުކުރަން ލިބުމަކީ ރާއްޖެއަށްވެސް ލިބޭ ތާރީހީ ކާމިޔާބެކެވެ. މިއީ މި މުބާރާތުން ދިވެއްސަކަށް މީގެ ކުރިން ލިބިފައިވާ ފުރުސަތެއް ނޫނެވެ.