ރެއާލް މެޑްރިޑަށް ސޮއިނުކޮށް އަންނަ ސީޒަނުން ފެށިގެން އިނގިރޭސިވިލާތުގެ އާސެނަލްއަށް ކުޅެން ސްޕެއިންގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ނިންމައިފިއެވެ.
ސްޕެއިންގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އައި އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ގެނައުމަށް ބޭނުންވާ ހުރިހާ ލިޔެކިއުންތައް މިހާރު އާސެނަލްއިން ވަނީ ނިންމާފައެވެ. ދެ ކުލަބުން އެއްބަސްވެފައިވަނީ އޭނާގެ އަގެއްގެ ގޮތުގައި 51 މިލިއަން ޕައުންޑް ސޮސިއެޑާޑަށް ދިނުމަށެވެ. އަދި މި ފައިސާ ހޭދަކުރާނެ ގޮތުގެ ޕްލޭނަށް ވެސް އާސެނަލް އާއި ސޮސިއެޑާޑުން މިހާރު ވަނީ އެއްބަސްވެފަ އެވެ.
ހުސްވި ސީޒަނުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީން ވެސް ގަތުމަށް މަސައްކަތް ކުރި ޒުބިމެންޑީ ގަތުމަށް ސްޕޭނުގެ އެންމެ މުއްސަނދި ކުލަބު ރެއާލް މެޑްރިޑުން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ އާސެނަލް އަށް ކުޅެން އެއްބަސް ކުރުވުމުގައި ކުރި ހޯދީ އާސެނަލްގެ ކޯޗު ސްޕޭނުގެ މިކޭލް އާޓެޓާ އެވެ.
އާސެނަލް އިން ޒުބިމެންޑީ އެ ޓީމަށް ސޮއިކުރިކަން އިއުލާނުކުރާނީ އޭނާ މެޑިކަލް ހެދުމުންނެވެ. އިނގިރޭސި މީޑިޔާތަކުން ބުނާ ގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ ކުރިން ޒުބިމެންޑީގެ މެޑިކަލް ނިންމައި އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ތައާރަފް ކުރާނެ އެވެ.
ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ޒުބިމެންޑީ އަކީ ސްޕޭނުގެ ގައުމީ ޓީމުގައި ރޮޑްރީ މިހާތަނަށް އަދާ ކުރި މަގާމު ކުރިމަގުގައި އަދާކުރާނެ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ހުސްވި އަހަރުގެ ޔޫރޯގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ މޮޅަށް ކުޅެފަ އެވެ. ހާއްސަކޮށް މުބާރާތުގެ ފައިނަލް މެޗުގައި އޭނާ މޮޅަށް ކުޅުނެވެ.
ޒުބިމެންޑީ އަކީ އަންނަ ސީޒަނަށް އާސެނަލް ވަރުގަދަ ކުރުމަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާގެ ފަހުން އެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މޮޅު ފޯވަޑަކު ހޯދުމަށެވެ. މި ގޮތުން ވާހަކަ ދައްކަމުންދާ ދެ ކުޅުންތެރިންނަކީ ވިކްޓަރ ގަޔެކެރެސް އާއި ބެންޖަމިން ސެސްކޯ އެވެ. މީގެ އިތުރުން ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އަރިމަތިން ކުރިއަށް ކުޅޭ ބުކަޔޯ ސަކާ އާއި ޑިފެންޑަރު ވިލިއަން ސަލީބާ އާއި ފޯވަޑަށް ވެސް ކުޅޭ ލިއޮނާޑޯ ޓްރޮސާޑް އާއި މިޑްފީލްޑަރު ތޯމަސް ޕާޓޭ އާއި އީތަން ވަނޭރީ ފަދަ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.