އުމުރުން 60ގެ އަހަރުތައް ގުނަމުން އަންނަ ޅ. ހިންނަވަރު، މައިދާން، މުޙައްމަދު އާދަމް ހަޔާތުގައި އެންމެ އުންމީދުކުރަމުން އައީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށެވެ. އުފަން ރަށުގައި މަސައްކަތްކޮށްގެން ހޯދި ހުރިހާ ފައިސާއެއް ރައްކާކުރީ ޙައްޖަށް ދިޔުމަށެވެ. މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ފަހިވި ދިވެހިންގެ ތެރޭގައި މުޙައްމަދު އާދަމް ހިމެނުމުން އޭނާގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން ހަޤީޤަތަކަށްވީއެވެ.
ހިންނަވަރުގައި ތިބި އާއިލާ މީހުންނާ ސަލާންގަލާންކުރުމަށްފަހު ޙައްޖަށްދާން ރަށުން ފުރީ ކުރިއަށް އޮތް ދިގު ދަތުރުގައި އުފުލާންޖެހޭ ތަކުލީފުތަކަށް ސިކުނޑި ތައްޔާރުކޮށްގެންނެވެ. މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކުރި ރައްޓެހީންނާއި ތިމާގެ މީހުންގެ ފުށުން މުޙައްމަދު އާދަމަށް އަޑުއިވިފައި އޮތީ ސަޢުދީއަރަބިއްޔާއަށް ކުރާ ދަތުރަކީ ތަކުލީފު ބޮޑު ދަތުރެއްގެ ގޮތުގައެވެ.
އެއަރޕޯޓުތަކުގައި ދިގު ކިއުތަކުގައި އެތައް އިރަކު ކޮޅަށް ހުންނަން ޖެހޭކަމަށް އޮތީ ޚަބަރު ލިބިފައެވެ. އުމުރުން ދުވަސްވެފައި ހުއްޓަސް މިތަކުލީފުތައް އުފުލުން ނޫން ގޮތެއް ނެތްކަން މުހައްމަދު އިބްރާހީމްގެ ނަފްސަށް އައީ ވިސްނައިދެމުންނެވެ. ކުރީގެ ތަޖުރިބާތަކުގެ އަލީގައި ދެނެފަރިތަ މީހުން ދެއްކި އެވާހަކަތަކަށް މުޙައްމަދު އާދަމް ހުރީ ތައްޔާރުވެގެންނެވެ.
ޙައްޖަށް ފުރަން މާލެ އައިސް ފައިބާފައި ހުރިއިރު، ޚަބަރުތަކުން އިވެން ފެށި ވާހަކަތަކުން މުހައްމަދު އާދަމްގެ މޫނު މައްޗަށް އުފާވެރިކަން ގެނުވަން ފެށިއެވެ.
ދިވެހި ސަރުކާރާއި ސަޢުދީ ސަރުކާރާ ދެމެދުގައި ޙައްޖާއި ގުޅުންހުރި މަޝްވަރާތައް ކުރިއަށްދާ ވާހަކަ އަޑު އިވެން ފެށިއެވެ. އެގޮތުން އެއަރޕޯޓުތަކުގައި ދިވެހި ޙައްޖާޖީން ހޭދަކުރާ ވަގުތުތައް މަދުކޮށް، ދާގީނާ އުފުލުމުގެ ބުރަ ލުއިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާ އަޑު އިވުމުން އުފާވެރިކަން ގެނުވިއެވެ. ހިތްހަމަޖެހިލައިގެން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޢަޒުމު ހިތުގައި އާވިއެވެ. އިވެމުންދިޔަ ޚަބަރުތައް މުޙައްމަދު އާދަމްގެ ލޯ ކުރިމަތީގައި ހަޤީޤަތަކަށް ވަމުންދިޔައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވެ ސަޢުދި ޢަރަބިއްޔާއިން ލުއި ފޯރުކޮށްދިން 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. އެގޮތުން ޖިއްދާ އެއަރޕޯޓުގައި ފުރިހަމަ ކުރަންޖެހޭ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް، ވެލާނާ އިންޓަރނަލް އެއަރޕޯޓުގައި ފުރިހަމަކޮށްގެން ފުރުމުގެ އިންތިޒާމުތައް ދިވެހި ޙައްޖުވެރިންނަށް ހަމަޖެހުނެވެ.
މާލޭގައި ހުރިގޭ ދޮރުމައްޗަށް މަޑުކޮށްލި އެމް.ޓީ.ސީ.ސީގެ ފިނިކުރި ބަހުގައި އާއިލާޔާއެކު އެއަރޕޯޓަށް ގޮސް، އާއިލާ މީހުންނާއެކު ހަނދާނީ ފޮޓޯތައް ނަގާ، ދަރިންނާ ސަލާމްކުރުމަށްފަހު ފުރާމީހުންގެ ގޭޓުން އެތެރެއަށް ވަދެގެންދިޔައިރުވެސް އިންތިޒާމުތައް ހުރީ ކިހާ ފެންވަރެއްގައިކަމެއް މުޙައްމަދު އާދަމަކަށް ނޭނގެއެވެ. ނަމަވެސް ކަންކަންވީ ހީކުރިގޮތާއި ކުރިން އަޑު އިވިފައިވާ ވާހަކަތަކާއި މުޅިން ޚިލާފަށެވެ. ޙައްޖު ދަތުރުގެ ތަޖުރިބާ ޕީއެސްއެމް ނިއުސްއާ ހިއްސާކުރަމުން މުޙައްމަދު އާދަމް ބުނީ ޙައްޖުގެ އިންތިޒާމުތައް އެންމެ ރަނގަޅުކުރި އަހަރު ޙައްޖަށް އައުމަށް ފުރުޞަތު ލިބުމަކީ ބޮޑު ނަސީބެއްކަމަށެވެ.
"އެއަރޕޯޓުގެ ޚިދުމަތްތައްވެސް ވަރަށް ރަނގަޅު. މިތަނުގެ އެއަރޕޯޓުންވެސް އެހާ ރަނގަޅަށް އަޅުގަނޑުމެންނަށް މަރުޙަބާކި. ދެން އަނެއްކާ އެއަރޕޯޓުން ހޮޓަލާ ހަމަޔަށް އައިއިރުވެސް އެހާ ރަނގަޅަށް އިންތިޒާމުތައް ހުރީ ހަމަޖެހިފައި. އަޅުގަނޑުމެން ބަހުގައި އައި ހުރިހާ މީހުންނަށްވެސް ވަރަށް ރަނގަޅަށް މަރުހަބާކި." މާތްވެގެންވާ މައްކާގެ ބިމުގައި ހުރެ މުހައްމަދު އާދަމް އޭނާގެ ހިތުގެ ޖަޒުބާތުތައް ހިއްސާކުރިއެވެ.
މުޙައްމަދު އާދަމްގެ ޙަޔާތުގެ އެންމެ ބޮޑު ހުވަފެން ހަޤީޤަތަކަށް ވެގެން އައީ ދިވެހި ސަރުކާރުން އަލަށް މިފަހަރު ހޯދައިދިން ލުއިފަސޭހަތަކަކާ އެކުގައެވެ. ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވެފައިވަނިކޮށް، ސަރުކާރުން ދިވެހި ހާޖީންނަށް މި ހޯދައިދިން ލުއި ފަސޭހަކަމުން މުހައްމަދު އާދަމްފަދަ އެތައް ބަޔަކަށް ވަނީ އުފާވެރިކަން ގެނުވާފައެވެ.
"އަޅުގަނޑުގެ ޝުކުރުގެ ލިސްޓުގައި އޮތީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ. އެމަނިކުފާނަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވަން". މުޙައްމަދު އާދަމްގެ ވާހަކަ ނިންމާލަމުން ބުންޏެވެ.