އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ އީސްޓަރން ކޮންފަރެންސްގައި ރޭ މޮންޓްރިއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލުއިސް ސުއަރޭޒް އާއި ލިއޮނެލް މެސީ ޖަހައިދިން ލަނޑުތަކުން 4-2 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ މޮޅުވެއްޖެއެވެ.
އިންޓަރ މަޔާމީގެ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 26 ޕޮއިންޓާއެކު ތާވަލުގެ 9 ވަނަ ލިބިފަ އެވެ. އެއް ވަނައިގައި އޮތް ފިލަޑެލްފިއާ ޔޫނިއަން އަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 27 ވަނަ މިނިޓުގައި ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ އިންޓަރ މަޔާމީ އިން ނިންމާލާއިވާއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 68 ވަނަ މިނިޓުގައި ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އަދި އޭގެ ތިން މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް މެޗުގެ 74 ވަނަ މިނިޓުގައި މޮންޓްރިއާލްގެ ޑަންޓޭ ސީލީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ގެނެސްދީފަ އެވެ.
މި މެޗުގައި އިންޓަރ މަޔާމީ އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ސީލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.
ތާވަލުގެ އެއްވަނައިގައި އޮތް ފިލަޑެލްފިއާ ޔޫނިއަން ވަނީ ރޭ ޓޮރޮންޓޯ އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.