ޚަބަރު

އދގެ ގުދަނަކަށް ވަދެ ކާބޯތަކެތި ނަގަން ޣައްޒާގެ ރައްޔިތުންނަށް މަޖުބޫރުވެއްޖެ


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ބަނޑަަށްޖެހުމުގެ ބިރު ބޮޑުވެ، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ރައްކާކޮށްފައި ހުރި ގުދަނަކަށް ވަދެ، އެ ތަނުން ކާބޯތަކެތި ނެގުމަށް އެ މީހުންނަށް މަޖުބޫރުވެއްޖެއެވެ. ކާބޯތަކެތި ލިބޭނެ އިތުރު ގޮތެއް ނެތުމުން ޣަައްޒާގެ ގިނަ އަދަދެއްގެ ބަޔަކު ވަދެފައި ވަނީ އެ ސަހަރުގެ މެދުތެރޭގައި ހުރި ސަރަހައްދެއްގައި ހުރި ގުދަނަކަށެވެ. އެއީ، އެކުވެރި ދައުލަތްތައް (އދ)ގެ ގުދަނެކެވެ.

ޣައްޒާގައި ދިރިއުޅޭ 2.1 މިލިޔަނެއްހާ މީހުން މި ހާލަތަށް ވައްޓައިލީ ޔަހޫދީންނެވެ. މާރިޗު 2ވަނަ ދުވަހަށް ފަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނާއި ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. އެއީ، އިންޖީނުގެތަކާއި ހަސްފަތާލުތަކުގެ ޖަނަރޭޓަރުތައް ހިންގުމަށް، އަދި އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ ތެލެވެ.

އދގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، އެ އިދާރާގެ ގުދަނަކަށް ހައިހޫނުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު ވަދެގަނެ، ކާބޯތަކެތި ގެންދިޔުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ދެ މީހަކު ޝަހީދުވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައެވެ. މި ފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް، ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް އޮތް ހުރަސްތައް ވަގުތުން ނައްތައިލުމަށް ވެސް އެ އިދާރާއިން ވަނީ ޔަހޫދީންނަށް ގޮވައިލާފައެވެ.

ޣައްޒާއަަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ އެ ސަހަރުގެ ރައްޔިތުން ހައިހޫނުގައި ޖައްސަވައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ކަމުގައި އދގެ އިދާރާތަކާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ސިފަކުރެއެވެ. ބައިނަލްއަޤްވާމީ ފިއްތުންތައް ބޮޑުވެ، ޔަހޫދީ ފައުޖުން ވަނީ 11 ހަފުތާއަށް ފަހު މަދު އަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް ވެއްދުމުގެ ފުރުޞަތު ދީފައެވެ.

ޖީއެޗްއެފާ ގުޅިގެން ޔަހޫދީން ހިންގާ ޖަރީމާ

އޭގެ ތެރެއިން ބޮޑުބައި އެތެރެ ކޮށްފައި ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ބެލުމުގެ ދަށުންނެވެ. އެއީ، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ ކަންކަން ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާގެ ބެލުމުގެ ދަށުން ކާބޯތަކެތި ބަހަން ފަށާފައި ވަނީ މޭ 26ވަނަ ދުވަހުއެވެ. އެ ޖަމުޢިއްޔާއިން ކާބޯތަކެތި ބަހަމުން ދިޔަ މަރުކަޒަކަށް އެއްވި މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ޙަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވެއެވެ.

ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައިވާ ކާބޯތަކެތީގެ އަދަދު މަދުވުމާ ގުޅިގެން އދގެ މެދުއިރުމަތީގެ މަންދޫބު ސިގްރިޚް ކާޚް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ޣައްޒާއަށް މިހާތަނަށް ވައްދާފައި ވަނީ އެ ސަހަރުގައި ބަނޑަށްޖެހެމުންދާ މީހުންނަށް ބޭނުންވާ މިންވަރަށް ވުރެ ވަރަށް ކުޑަކުޑަ މިިންވަރެއް ކަމުގައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ، "ފެތިފައިވާ ބޯޓެއްގައި ތިބި އެންމެން ސަލާމަތް ކުރުމަށް އެންމެ ލައިފްބޯޓެއް ބޭނުން ކުރުން" ފަދަ ކަމެކެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް އދން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ މަޖިލީހުގެ ބައްދަލުވުމެއް މޭ 28ވަނަ ދުވަހު ބާއްވާފައިވާއިރު، 15 މެންބަރުން ހިމެނޭ އެ މަޖިލީހުގެ ދެބައިކުޅަ އެއްބައި ޤައުމުތަކުން ވަނީ ޣައްޒާ ޢުދުވާން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ މަޖިލީހަށް ބާރުއަޅާފައެވެ.

ޖީއެޗްއެފް މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ދޫކޮށްލުމަށް ވެސް އދން ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް، އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައިވެރިވުމާއި ރުހުމާ އެކު އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެހެންކަމުން، އެ ކަން ހުއްޓުވުމުގެ ފުރުޞަތު ވަރަށް ހަނި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.