ތިން ބަދަލަކާއެކު ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އިއުލާނުކޮށްފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު އިއުލާންކުރި ސްކޮޑުގައި އަލަށް ހިމަނާފައިވާ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒް އާއި، އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމް އަދި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ.
ގައުމީ ޓީމުގެ ސްކޮޑުގައި މި ތިން ކުޅުންތެރިން އަލަށް ހިމެނިއިރު ގައުމީ ޓީމުން އުނިކޮށްފައިވަނީ ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި މިޑްފީލްޑަރ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި ޑިފެންޑަރު މުޙައްމަދު ނިޒާމްއެވެ.
ގައުމީ ޓީމުން އެންމެ އަވަހަށް ކުޅޭ ބައިނަލްއަގުވާމީ މެޗަކީ ޖޫން މަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެއަށްފަހު ގައުމީ ޓީމުން ކުޅޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން 10 ގައި އޮސްޓްރޭލިއާގައެވެ.
ގައުމީ ޓީމު ސިންގަޕޫރަށް ދިއުމަށް ހަމަޖެހިފައިވަނީ ޖޫން ދޭއްގައެވެ. ސިންގަޕޫރުގައި ކޭމްޕް ކުރުމަށްފަހު އަދި ހަމަޖެހިފައިވާގޮތުން ރާއްޖެ ނައިސް ދާނީ އޮސްޓްރޭލިއާއަށެވެ.
ގައުމީ ޓީމުގެ މި ދެ މެޗުގައި ޓީމުގެ ހެޑް ކޯޗެއްގެ ދައުރު އަދާކުރާނީ މީގެ ކުރިންވެސް ގައުމީ ޓީމަށް އިރުޝާދު ދެމުން އައި ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންއެވެ.