ޚަބަރު

ޝީއަށް 37 އަހަރު، ސިއްޙީ ދުޅަހެޔޮ ވެއްޓެއް ބިނާކުރުމުގެ މަސައްކަތުގައި ހުއްޓުމެއް ނެތި ކުރިއަށް


  • މިޖަމްޢިއްޔާގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ އާއިލާތަކެއް ބިނާކުރުން

  • މިޖަމްޢިއްޔާއިން ތެލެސީމިއާއާ ގުޅޭ ޚިދުމަތްތައްވެސް ފޯރުކޮށްދޭ

ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން، ޝީއަކީ ރާއްޖޭގައި ސިއްޙީ ހާލަތު ކުރިއެރުވުމަށް އަދި ދުޅަހެޔޮ ސިއްޙަތެއްގެ ވެރި ރައްޔިތުންތަކެއް އުފެއްދުމަށް 1988ގައި އުފެދުނު ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްސަދަކީ ސިއްޙީ ގޮތުން ދުޅަހެޔޮ ވެއްޓެއް ބިނާކޮށް ދުޅަހެޔޮ އާއިލާތަކެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

ޝީއިން މައިގަނޑު ގޮތެއްގައި ފޯރުކޮށްދެމުންދަނީ ތެލެސީމިއާގެ ޚިދުމަތްތަކާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދޭންޖެހޭ ފަރުވާތަކުގެ އިތުރުން އުފަންވެނިވި ސިއްޙަތުގެ ކުރިއެރުވުމަށް ހޭލުންތެރިކުރުވުމެވެ. މިއީ ވޭތުވެދިޔަ 37އަހަރު އެ ޖަމްޢިއްޔާއިން ހިލޭ ފޯރުކޮށްދެމުންދިޔަ ޚިދުމަތްތަކެކެވެ.

ޝީއަށް 37އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޖަމްޢިއްޔާއިން ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. ޝީގެ ބައެއް ފައުންޑަރ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސޮސައިޓީ ފޯރ ހެލްތް އެޑީއުކޭޝަން، ޝީގެ ޗެއަރޕާސަން އިބްރާހިމް ފިރުޝާން ވިދާޅުވީ، ތެލެސީމިއާ ޕްރޮގްރާމުގެ ތެރޭގައި މައިގަނޑު ގޮތެއްގައި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

"ތެލެސީމިއާ ސްކްރީނިންގެ ޚިދުމަތާއި ޖެނެޓިކްގެ ކައުންސިލިންގެ ޚިދުމަތައް އަޅުގަނޑުމެންނަށް ވަނީ ދެވިފައި. މިހާރު މިހާތަނަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 2 ފަހަރު އަޅުގަނޑުމެންގެ ޓީމުތަކުން ޒިޔާރާތްކޮށް 12އަހަރާއި 35އަހަރުގެ މީހުން ވަނީ ތެލެސީމިއާއަށް ޓެސްޓުކުރެވިފައި. މިއީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި. އެހެންވީމަ މިއީ މި ދާއިރާއިން މީހުން ހޭލުންތެރިކުރުވުމަށް އަޅުގަނޑުމެންނަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް." ޝީގެ ޗެއަރޕާސަން އިބްރާހިމް ފިރުޝާން ވިދާޅުވިއެވެ.

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޝީއިން ކައުންސިލިންގެ ޚިދުމަތް ފޯރުކޮށްދެމުންދާކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ. އެގޮތުން މި ޚިދުމަތުގެ ތެރެއިން ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ގުޅޭގޮތުން ކައުންސިލިންގ ދަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އާއިލީ މައްސަލަތަކާއި، ދެމަފިރިންގެ ދެމެދުގައި ދިމާވާ ކަންތައްތަކާއި، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށް ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް މި ޖަމްޢިއްޔާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ އިތުރުން، އުފަންވެނިވި ސިއްޙަތާއި ބެހޭގޮތުން މީހުން ހޭލުންތެރިކަން އިތުރުކޮށް މިއާ ގުޅޭ ޚިދުމަތްތައް ޝީއިން ދަނީ ފޯރުކޮށްދެމުންނެވެ.

"މީގެ ތެރޭގައި އާއިލާ ރޭވުމުގެ މައުލޫމާތުތަކާއި އަދި އާއިލާ ރޭވުމާއި ބެހޭ ޚިދުމަތްތައް ދިނުން ހިމެނޭ. އަދި ހަމައެހެންމެ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރާތްކޮށް އާއިލާ ރޭވުމާއި ބެހޭ ގޮތުން ހޭލުންތެރިކުރުވުން އިތުރުކުރުވުމަށް މައުލޫމާތު ދިނުމުގައި ގިނަ މަސައްކަތްތައް ކުރެވިފައިވޭ" ޝީގެ ޗެއަރޕާސަން އިބްރާހިމް ފިރުޝާން ވިދާޅުވިއެވެ.

ހަމަމިއާއެކު، އެޗްއައިވީ އަދި އެއިޑްސްއަށް ހޭލުންތެރިކުރުވުމަށްވެސް ޝީއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދިވެހީންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބޭރު ފަރާތްތަކަށް އަމާޒުކޮށް ތަފާތު ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ. އަދި ޒަމާނާއެއްގޮތަށް މިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޔޫއެންއެފްޕީއޭގެ އެހީގައި އެ ޖަމްޢިއްޔާއިން މީގެކުރިން ވަނީ 'ސިއްތަ' ގެ ނަމުގައި އެޕެއް ލޯންޗުކޮށްފައެވެ. މި އެޕް މެދުވެރިކޮށް އެކި ފަރާތްތަކަށް މިކަމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.