ޚަބަރު

"އުއްމީދަކީ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ނިމި އަވަހަށް ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުން"


ރާއްޖެއަކީ ދުނިޔޭގެ ސާފިން ޑެސްޓިނޭޝަންތަކުގެ ތެރެއިން އެންމެ ރީތި ރާޅު ނަގާ އެއް ގައުމު ކަމަށާއި، އުއްމީދަކީ ވީހާވެސް އަވަހަށް ސާފިން ސްޓޭޑިއަމްގެ މަސައްކަތް ނިމި އަނެއްކާވެސް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ބޭއްވޭނެގޮތްވުން ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނިޒާމް ބުނީ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ފެހި ސިގްނަލް ކުޅިވަރާއި ހަށިހެޔޮކަމާއި ވަޒީރު ދެއްވާފައިވާ ކަމަށެވެ.

މިހާރު އެތަން އެ އޮތީ ވަރަށް ހަޑިކޮށް ކަމަށާއި، އުންމީދަކީ ވީހާވެސް އަވަހަށް އެތަނުގެ މަސައްކަތް ނިމި ކުރިން ބޭނުންކުރި ގޮތަށް ރާޅުގަނޑު ސަރަހައްދު ބޭނުން ކުރެވޭވަރުވުންކަމަށް ނިޒާމް ފާހަގަ ކުރިއެވެ.

ރާޅާ އަޅާ ކޮމިއުނިޓީން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި މޯލްޑިވްސް ޕްރޯ މިއަހަރު ރާއްޖޭގައި ބޭއްވޭ ގޮތް ނުވީ ސާފިން ސްޓޭޑިއަމް އެޅުމަށް ރާޅުގަނޑު ސަރަހައްދުގެ ސްޓޭޖް ތަޅާލާ އެތަން ބަންދުކޮށްފައި އޮތުމުންނެވެ.

އެމްބީބީއޭގެ ރައީސް ބުނީ ރާއްޖެއަކީ ބައިނަލްއަގްވާމީ ބޮޑީބޯޑަރުންގެ މެދުގައިވެސް މަގްބޫލު ޑެސްޓިނޭޝަނެއް ކަމަށާއި، ރާޅާ އެޅުމުގެ ބޮޑެތި މުބާރާތްތައް ރާއްޖެއަށް ގެނެވިއްޖެ ނަމަ ސްޕޯޓްސް ޓޫރިޒަމަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

އަދި އެމްބީބީއޭއިން މިއަހަރުގެ ކަލަންޑަރު އެކުލަވާލިއިރު ރާއްޖޭގެ ރީތި ރާޅު ޕޮއިންޓްތަކަށް އިވެންޓްތައް ބަހާލާ މާލެ ނޫން އެހެން ސަރަހައްދުތަކުގައި މުބާރާތްތައް ބޭވުމަށް އިސްކަން ދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން ނިޒާމް ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ސަބަބުން ރާޅާ އަޅާ އެތުލީޓުންނަށް އިތުރު ފުރުސަތުތައް ލިބި ބައިނަލްއަގްވާމީ ޕްލެޓްފޯމުތަކުގައި ތަމްރީނާ ތަޖްރިބާ ހޯދުމަށްވެސް ފުރުސަތުތައް ފަހިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަމައެއާއެކު ސަރުކާރުން އިސްކަން ދެއްވާ ސިޔާސަތެއްކަމަށްވާ ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް ބޮޑީބޯޑިންގ އަކީ މުހިންމު ދައުރެއް އަދާކުރާ ކުޅިވަރެއް ކަމަށެވެ.

"ކުޅިވަރު ގާނޫނު އައިސްގެން އިތުރު ފުރުސަތުތައް ލިބޭނެ ރާޅާ އަޅާ ކޮމިއުނިޓީއަށް. ދެން ދުނިޔޭގެ ސަރފިންގ ޑެސްޓިނޭޝަންތަކަށް ބަލާއިރުވެސް ދުނިޔޭގެ އެންމެ ރީޓި ރާޅު ޕޮއިންޓްތައް އެބަހުރި ރާއްޖޭގަ. ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް ލިބިގެންދާނެ ފުރުސަތެއް މީ" ނިޒާމް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދު އަލުން ތަރައްގީކުރުމަށް ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް ފެށީ 25 ނޮވެމްބަރު 2024 ގައެވެ.

މި ސަރުކާރުގެ 52 ހަފުތާގައި ހާސިލުކުރެވުނު ކަންކަމާއި ގުޅޭ "ޕީއެސްއެމް ނިއުސް" އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައިވަނީ ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން އެރީނާއެއް މިއަހަރުގެ ތެރޭގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ.

އެއާއެކު ރާއްޖޭގައި ބައިނަލްއުގަވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.