ރާއްޖޭގައި ސްޕޯޓްސް ފިޝިންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހު ހެނދުނު 9 އިން ހަވީރު 5 އަށް މާލޭގައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ނުވަތަ ސްޕޯޓްސް ފިޝންގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމެއްކަމަށެވެ. މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން.
— Ministry of Fisheries and Ocean Resources (@MFORmv) May 29, 2025
މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގައި… pic.twitter.com/VWq5BymXit
މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ވުޒާރާއަށް ހުށަހެޅޭނެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތައް ހޮވާނީ ފޯމު ފުރިހަމަކުރައްވާ ތަރުތީބުން ޖާގަ އޮތް މިންވަރަކުންނެވެ. މި ބައްދަލުވުމުގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސާދޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ބައްދަލުވުމާ ބެހޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 3339229 އަށް ގުޅާލުމުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
ސްޕޯޓްސް ފިޝިންއަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ހަރަކާތެކެވެ. ވުމާއެކު، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނެ ފަސް ސަރަހައްދެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި ބަނދަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރަންޓް އަދި ކެފޭތަކާއި މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ހިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތަކާވެސްއެކުއެވެ.
ސްޕޯޓްސް ފިޝިންއާއި ފަރުމަހުގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މިއީ މަސްވެރިކަމާއި އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އެކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތެކެވެ.