މާލޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިންކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި އިމިގްރޭޝަނުން ވަނީ 2 ތަނެއް ބަލައި ފާސްކޮށް 102 ބިދޭސީން ޗެކްކޮށްފައެވެ.
މި އޮޕަރޭޝަންގައި ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ގެއަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދިޔުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއްކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވަނީ މި ރެއިޑް އޮޕަރޭޝަންގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އެތަނުގެ ޙާލަތު ހުރިގޮތް އިމިގްރޭޝަނުގެ ވީޑިއޯއިން ފެނިގެންދެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ދަށުން،2025 މޭ 29 ވަނަ ދުވަހުގެ ރޭ ވަނީ 2 ތަނެއް ބަލައި ފާސްކޮށްފައި. މި އޮޕަރޭޝަންގައި ޖުމަލް 102 ބިދޭސީން ޗެކްކޮށްފައިވޭ. އެގޮތުން، ހެންވޭރުގައި ހުންނަ ގެއަކުން 7… pic.twitter.com/BwGcw4nTfU
— Maldives Immigration (@ImmigrationMV) May 31, 2025
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައިވެސް ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ޑީޕޯޓް ކުރުމާއިއެކު ނިޒާމުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް، އެ ފުރުސަތުވެސް ދަނީ ފަހިކޮށްދެއްމުންނެވެ.
މީގެ އިތުރުން އޮޕަރޭޝަން ކުރަނގި ނަމުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް އެއް ލައްކަ ފަންސާސްހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. ހަމަމިއާއެކު، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އިމިގްރޭޝަނުން ދަނީ ކުރިއަށްގެންދަމުންދެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު ފަސް ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.